ތެޔޮ އިމްޕޯޓުކުރުމަށާއި ރަށްރަށުގެ ބަނދަރުތައް ތަރައްގީކުރުމަށްޓަކައި ދިވެހި ސަރުކާރުން އޯޕެކް ފަންޑާއި ވޯލްޑް ބޭންކުން މިއަހަރުގެ ތެރޭގައި 80 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ނަގާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އަދާހަމަކޮށް އާންމުކޮށްފައިވާ އެކްޓިވް އެކްސްޓާނަލް ލޯންސް ތާވަލުން ދައްކާ ގޮތުގައި، މި 80 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވަނީ މައިގަނޑު ދެ އިދާރާއަކުންނެވެ. އެއީ އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާއި ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން އިންނެވެ. މިއިން ކޮންމެ އިދާރާއަކުން ސަރުކާރުން ވަނީ 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ.

އޯޕެކް ފަންޑުން ހޯދި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މަލްޓި އައިލެންޑް ހާބާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ރަށްރަށުގެ ބަނދަރުތައް ތަރައްގީކުރުމަށެވެ. އަދި އައިޑީއޭ މެދުވެރިކޮށް ހޯދި ފައިސާއަކީ މޯލްޑިވްސް އެމަޖެންސީ ސަޕޯޓް ފޯ ކްރިޓިކަލް ސާވިސަސް ޕްރޮޖެކްޓަށް ހޯދި ފައިސާ އެވެ. މިއީ އީރާނުގެ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް އައިސްފައިވާ ބޮޑެތި ލޮޅުންތަކުން ސަލާމަތްވުމަށް ތެޔޮ އިމްޕޯޓުކުރުމަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަމެކެވެ.

މިއަހަރު ފެށުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި، އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ 158.8 ބިލިއަން ރުފިޔާގަ އެވެ. އެހެންނަމަވެސް، އީރާނުގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ހަކަތައަށް ކުރަންޖެހޭ ހޭދަ އިތުރުވުމުގެ ސަބަބުން، ކުރިން އަންދާޒާކުރި މިންވަރަށްވުރެ ދަރަނި މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް މާލީ ތަޖުރިބާކާރުން ލަފާކުރެ އެވެ. މި ސަރުކާރުގެ ދައުރުގައި ބޭރުގެ ދަރަނި އިތުރުވާ މިންވަރު އެހެން ސަރުކާރުތަކާ އަޅާބަލާއިރު ނިސްބަތުން ދަށްވި ނަމަވެސް، އެތެރޭގެ ބާޒާރުން ދަރަނި ނަގަމުންދާ މިންވަރު ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފަ އެވެ.

މިއަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް ދަރަނި އަދާކުރުމަށާއި ދަރަނީގެ ހިދުމަތްތަކަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހިފައިވާ އަހަރެވެ. މިގޮތުން ދައުލަތުގެ ބަޖެޓުގައި ދަރަނި އަދާކުރަން އެކަނިވެސް 12 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދައްކަންޖެހުނު ސުކޫކުގެ ފައިސާއަކީ މި ހޭދައިގެ ވަރަށް ބޮޑު ބައެކެވެ. ދަރަނީގެ ބުރަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އަބޫދާބީ ފަންޑަށް ވިއްކާފައިވާ ބޮންޑަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެ ފަންޑުން ވަނީ ނިންމާފަ އެވެ. މި ނިންމުމާ ގުޅިގެން މިއަހަރު ދަރަނި އަދާކުރުމަށް ދައުލަތުން ކުރަންޖެހޭ ހޭދައިން 1.5 ބިލިއަން ރުފިޔާ މަދުވާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ.