އިދިކޮޅުން ހިންގާ އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް ފިޔާ، އަލުވި އަދި ބިސް ނުލިބިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

"އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ބޭފުޅުންނާއި އެކު މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ދިވެހިރާއްޖެއަށް ބޭނުންވާ ބައެއް ކާބޯތަކެތި އެތެރެ ކުރަނީ އިންޑިއާ އިން ކަމަށާއި އެހެން ކަމުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް އަސަރުކޮށް، ކާބޯތަކެތި އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ބިސް، އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު، އަދި މުގަކީ ދިވެހިން އެންމެ ގިނައިން ކެއުމަށް ބޭނުން ކުރާ ތަކެތި ކަމަށާއި އެތަކެއްޗަކީ އަބަދުވެސް 3 އަހަރަށް ކުރިއަށް އިންޑިއާއިން ކޯޓާ ދީފައިވާ ތަކެތި ކަމަށެވެ. އަދި އެއީ އިންޑިއާ ގެ ސަރުކާރުގެ އުސޫލަކަށް ބަދަލު އައިކަމުގައި ވީނަމަވެސް އެއަށް އިހުތިރާމު ކުރާނެ ފަދަ އެއްބަސްވުމެއްގެ ދަށުން ދޭ ކޯޓާއެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ހިލަ އާއި ހިލަވެއްޔަކީ މުޅި ދުނިޔެއިންވެސް ލިބުން ދަތިތަކެތި ކަމަށާއި ނަމަވެސް ރާއްޖެއަށް ހާއްސަ އިނާޔަތްތަކެއްގެ ދަށުން އިންޑިއާއިން އެތަކެތިވެސް ދޭކަމަށް ވިދާޅުވެ އިންޑިއާ އަށް ތައުރީފުކުރެއްވި އެވެ.

"މީގެއިން ކަމަކަށް ބުރޫއަރާނެ ކަމެއް ކުރުމުގެ ކުރިން، ވަރަށް ގިނަ ފަހަރު އެކަމާ ގުޅިގެން ވިސްނާލަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.