މޮސްކޯ (15 ފެބްރުއަރީ) - ރަޝިއާއާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި ރަޝިއާގެ ސިފައިން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތައް ނިމުމާއެކު އެ ސަރަހައްދުގައި ތިބި ސިފައިން އަނބުރާ ބޭސްތަކަށް ދާން ފަށާފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީއާ ހަވާލާދީ ރަޝިއާގެ އިންޓާފެކްސް ނިއުސް އެޖެންސީއިން މިއަދު ބުނީ އެ ގައުމުގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތައް ފުރިހަމަ ކުރުމަށްފަހު ސިފައިން އަނބުރާ ބޭސްތަކަށް ދަތުރު ފަށާފައިވާ ކަމަށެވެ.

ރަޝިއާގެ މި ފިޔަވަޅަކީ އެ ގައުމުން ޔޫކްރެއިންއަށް އަރައި ހަމަލާ ދީފާނެ ކަމަށް އެމެރިކާއާއި ހުޅަނގުން އިންޒާރު ނެރެފައިވަނިކޮށް އެޅި ފިޔަވަޅެކެވެ.

ނަމަވެސް އިނގިރޭސި ވިލާތުގެ ފޮރިން ސެކެޓްރަރީ ލިޒް ޓްރުސް ވިދާޅުވީ ރަޝިއާގެ އެފަދަ ރޭވުމެއް ނެތްކަން މުޅިން ގަބޫލު ކުރެވޭނީ ބޯޑަރު ކައިރީގައި ތިބި ހުރިހާ ސިފައިން އެ ސަރަހައްދުން ދިއުމުން ކަމަށެވެ.

ޑިފެންސް މިނިސްޓްރީން އާއްމުކުރި ވީޑިއޯއެއްގައި ބޯޑަރު ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އަސްކަރީ ޓޭންކުތަކާއި އެހެން އުޅަނދުތައް ދަތުރަށްޓަކައި ބަރު ކުރަމުން ދިޔަ މަންޒަރު ފެނެ އެވެ.

ރަޝިއާއިން ބެލަރުސްއާ ގުޅިގެން ފެބްރުއަރީ 20 އާ ހަމައަށް ޔޫކްރެއިންގެ ވަށައިގެންވާ ސަރަހައްދުތަކަށް 100،000 އަށްވުރެ ގިނަ ސިފައިން ޖަމާކޮށް އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވެ އެވެ.

މި ހަބަރާއެކު އަޑިއަޅާލާފައިވާ ރަޝިއާގެ ސްޓޮކް މާކެޓަށް 1.5 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. އެމެރިކާ އާއި ހުޅަނގުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދިނުމާއެކު އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ރަޝިއާއިން ދަނީ އެ ގައުމުން ޔޫކްރެއިން ހިފަން އުޅޭ ކަމަށް އެމެރިކާއާއި ހުޅަނގުން ކުރަމުން އަންނަ ތުހުމަތުތައް ކެނޑިނޭޅި ދޮގު ކުރަމުންނެވެ. -- އަލް އަރަބިއްޔާ