ކީވް (17 ފެބްރުއަރީ) - ޔޫކްރެއިން ބޯޑަރު ކައިރިއަށް ޖަމާކޮށްފައި ތިބި ރަޝިއާގެ ލަޝްކަރު މަޑުމަޑުން ކުރިއަށް ޖެހެމުން ދާކަމަށް އެސްޓޯނިއާއިން ބުނެފި އެވެ.

އެގައުމުގެ އިންޓަލިޖެންސް ސާވިސްގެ ޑިރެކްޓަރު ޖެނެރަލް މައިކް މެރަން ވިދާޅުވީ އެކި މިސްރާބުތަކުން ސިފައިންގެ އިތުރު 10 ގްރޫޕެއް ބޯޑަރު ކައިރިއަށް ދަތުރު ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އިތުރު ސިފައިން އަންނަނީ ޖަމާ ވަމުން. މައި ސަރަހައްދުތަކަށް ކޮންމެ ވަގުތެއްގައި ވެސް ހަމަލާ ދީފާނެ،" މައިކް ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަޝއާއިން ދޭ ހަމަލާގައި އެއްގަމު މަގުންނާއި ވައިގެ މަގުން ބޮން އަޅައި ހަމަލާ ދިނުން ވަރަށް ގާތް ކަމަށެވެ.

"ޔޫކްރެއިންއަށް ހަމަލާދީ ރަޝިއާއަށް ކާމިޔާބު ލިބިއްޖެ ނަމަ ކުރިއަށް އޮތް އަހަރުތަކުގައި ސަރަހައްދުގެ މިނިވަންކަމަށް ނުރައްކާ ވާނެ،" މައިކް ވިދާޅުވި އެވެ.

ހަނގުރާމައިގެ ބިރު ދައްކައިގެން ރަޝިއާގެ ނިންމުންތަކަށް އެއްބަސް ކުރުވުމަކީ އެގައުމުގެ ރައީސް ވްލަމިދިރް ޕުޓިން މިހާރު ބޭނުން ކުރައްވާ އެންމެ ވަރުގަދަ އުކުޅު ކަމަށް ވެސް މައިކް ވިދާޅުވި އެވެ.

ރަޝިއާގެ ލަޝްކަރު ކުރިއަށް ޖެހޭ ކަމުގެ ރިޕޯޓު ލިިބިފައި މިވަނީ އެގައުމުގެ ސިފައިން ތަމްރީނުތައް ނިންމުމަށްފަހު ބޯޑަރު ދޫކޮށް ދާން ފަށައިފި ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީއިން ބުނެފައި ވަނިކޮށެވެ.

ނަމަވެސް އެމެރިކާއާއި އިނގިރޭސި ވިލާތުން ވަނީ މިނިސްޓްރީގެ އެ މައުލޫމާތު ކަށަވަރު ނުވާ ކަމަށާއި އަދިވެސް ހަނގުރާމައެއްގެ ބިރު އެބަ އޮތް ކަމަށް ބުނެފަ އެވެ. -- ސީބީސީ ނިއުސް