ވޮޝިންޓަން (18 ފެބްރުއަރީ) - ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާދީ ހަނގުރާމައެއް ފަށަން ބޭނުން ކުރާނެ ކަމަށް ލަފާ ކުރެވޭ ޕްލޭން ތަކެއް އެމެރިކާއިން ހާމަކޮށްފި އެވެ.

އެގައުމުގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވީ ރަޝިއާގެ ހަމަލާގެ ކުރިން ދުނިޔޭގެ ސަމާލުކަން އެ ކަމަކަށް އަނބުރާލެވޭނެ ފަދަ ފިޔަވަޅެއް އަޅައި އެކަމުގެ ތުހުމަތު ޔޫކްރެއިންއަށް ކޮށް ހާލަތުގެ ފައިދާ ރަޝިއާއިން ނަގާފާނެ ކަމަށެވެ.

"އެ ފިޔަވަޅަކީ ކޮން ފިޔަވަޅެއް ކަމެއް އަދި އެ ފިޔަވަޅުގެ ކުޑަ ބޮޑު މިންވަރެއްވެސް އަދި ލަފާ ކުރާކަށް ނޭނގޭ" ބްލިންކަން ވިދާޅުވެފައިވެ އެވެ.

ނަމަވެސް އޭނާ ވަނީ ރަޝިއާއިން އަޅާފާނެ ފިޔަވަޅުތަކުގެ ތެރޭގައި ދާޚިލީ ހަނގުރާމައެއް ފަށައި އެގައުމުގެ ރައްޔިތުން ނުރައްކަލަށް ހުށައެޅުން ނުވަތަ ކެމިކަލް އަދި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން އެތެރޭގެ މަޝްރަހު ހަލަބޮލި ކުރުން ހިމެނޭ ކަމަށް އިޝާރާތް ކޮށްފަ އެވެ.

މީޑިއާ މެދުވެރިކޮށް ރަޝިއާގެ ތެރޭގައި ހަލަބޮލިކަން އުފައްދައި މި ޕްލޭންގެ ފުރަތަމަ މަރުހަލާ މިހާރު ރަޝިއާއިން ފަށާފައިވާ ކަމަށް ވެސް ބްލިންކަން ވިދާޅުވި އެވެ.

އޭގެ ފަހުން ދާޚިލީ މަސްލަހަތު ހަމައަކަށް އެޅުވުގެ ނަމުގައި ސިއްރު ބައްދަލުވުން ތަކެއް ކުރިއަށް ގެންދާނެ ކަމަށާއި މި ބައްދަލުވުން ތަކަކީ ހަނގުރާމައިގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ބްލިންކަން އިތުރަށް ވިދާޅުވާ ޔޫކްރެއިންއަށް ހަަމަލާ ދިނުމަށް ރަޝިއާއިން ރާވައިފައި ވަނީ އެއަށްފަހު ކަމަށެވެ. މި ހަމަލާތަކަކީ އެއްގަމު މަގުންނާއި ވައިގެ މަގުން ދެވޭނެ ހަމަލާ ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާ ދީފާނެ ކަމުގެ ބިރު ބޮޑުވުމާއެކު އެމެރިކާއާއި ނޭޓޯގެ މެމްބަރުން ވަނީ ޔޫކްރެއިންއަށް އެހީ ވުމުގެ ގޮތުން ގިނަ އަދަދެއްގެ ސިފައިން ޔޫކްރެއިންއަށް ފޮނުވާފަ އެވެ. -- އަލް އަރަބިއްޔާ