ނިއު ޔޯކް (18 ފެބްރުއަރީ) - ލަގްޒަރީ ކާރުތަކެއް ބަރުކޮށްގެން އެޓްލާންޓިކް ކަނޑުން ދަތުރު ކުރަމުން ދާ އާގު ބޯޓެއްގައި ރޯވެ އޮޔާދާން ފަށައިފި އެވެ.

ފެލިސިޓީ އޭސް ނަމަކަށް ކިޔާ 656 ފޫޓު ދިގު މި އާގު ބޯޓު ޖަރުމަނުގެ އެމްޑެންއިން ފުރައިގެން ރޯޑު އައިލެންޑަށް ދަތުރު ކުރަމުން ދިޔައީ އުތުރު އެޓްލާންޓިކް ކަނޑުގައި ޕޯޗްގަލްގެ އަޒޫރޯސްގެ 90 ނޯޓިކަލް މޭލު ބޭރުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބޯޓުގައި ރޯވިއިރު އޭގައި ޕޯޗްސް އަދި ވޯކްސްވޭގަން ފަދަ އަގުބޮޑު ކާރުތައް ބަރުކޮށްފައި ހުއްޓެވެ.

މިދިޔަ ބުދަ ދުވަހު ބޯޓުގެ ކާގޯ ހޯލްޑުގައި އަލިފާން ހިފައި ހަލުވި ކަމާއެކުފ ފެތުރެން ފެށުމުގެ ސަބަބުން ބޯޓުގައި ތިބި 22 ފަޅުވެރިން ވަނީ ޑިންގީތަކުގައި ބޯޓާ ދުރަށް ގޮސްފަ އެވެ.

ޕެނަމާގައި ރަޖިސްޓްރީ ކޮށްގެން ޖަޕާނުގެ ކުންފުންޏަކުން އޮޕަރޭޓު ކުރަމުން އަންނަ މި ބޯޓު ޓޯ ކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ޕޯޗް ކުންފުނިން ވަނީ އެކުންފުނީގެ ކާރުތަކެއް ރޯވެ އަނދަމުންދާ ބޯޓުގައި ހުރިކަން ޔަގީން ކޮށްދީފަ އެވެ. ނަމަވެސް ދެން އަޅާނެ ފިޔަވަޅެއް ނިންމަން އަދި މާ އަވަސް ކަމަށް އެކުންފުނިން ބުނެ އެވެ.

ވޯކްސްވޭގަންއިން ވެސް ވަނީ އެކުންފުނީގެ ކާރުތަކެއް އުފުލަމުން ދިޔަ އާގު ބޯޓެއްގައި ރޯވެ އަނދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ޑީލަރުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށް ބުނެފަ އެވެ.

ދަ އެސޯސިއޭޓަޑް ޕްރެސްއިން މައުލޫމާތު ދިން ގޮތުގައި ފެލިސިޓީ އޭސްގައި ރޯވިއިރު ހާހަކަށްވުރެ ގިނަ ކާރާއެކު ބޯޓުގައި 17000 މެޓްރިކް ޓަނުގެ މުދާ ހުރި ކަމަށެވެ. -- ސީ އެން އެން