ވޮޝިންޓަން (23 ފެބްރުއަރީ) - ރަޝިއާއިން ޔޫކްރެއިން ހިފަން އިތުރު ފިޔަވަޅެއް އަޅައިފި ނަމަ އެމެރިކާއިން އެ ގައުމާ ދެކޮޅަށް އަޅަން ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާގެ ޓެކްނޮލޮޖީ ދާއިރާ ފުން ވަޅުގަނޑަކަށް ވެއްޓިދާނެ ކަމަށް މާހިރުން ބުނެފި އެވެ.

ރަޝިއާ ސިފައިން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކަށް އެރުމާއެކު އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފުރަތަމަ ފިޔަވައްސަށް އަމަލު ކުރަން ފަށާފަ އެވެ. އެގޮތުން މި ފިޔަވަހީގެ ދަށުން އެމެރިކާއިން ރަޝިއާއަށް ދެމުން އައި މާލީ އެހީތެރިކަން ވަނީ ހުއްޓާލާފަ އެވެ.

ހަމައެއާއެކު އެމެރިކާގެ ބޭންކުތަކާއި ރަޝިއާގެ މައި ބޭންކުތަކާ ދެމެދު ހިންގާ ޓްރާންސެކްޝަންތައް ވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ހުއްޓުވޭނެ އެވެ.

އެއާއެކު ރަޝިއާގެ އަމަލުތަކަށް ބަލައި އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ވެސް ބައިޑަންގެ ސަރުކާރުން ނިންމާފައިވާ ކަމަށް ކަމާބެހޭ މަސްދަރަކުން މައުލޫމާތު ދީފައިވެ އެވެ. މި ފިޔަވަޅުތަކުގެ މާ ބޮޑު ތަފްސީލެއް ރަސްމީ ގޮތުން އާއްމު ނުކުރި ނަމަވެސް ބެލެވޭ ގޮތުގައި މި ފިޔަވަޅުމތަކަކީ ރަޝިއާގެ އިގްތިސާދު ފޫއަޅުވާލާނެ ފިޔަވަޅު ތަކެކެވެ.

އެގޮތުން އަޅަން ހަމަޖެހިފައިވާ އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅަކީ އެމެރިކާއިން ރަޝިއާއަށް އެކްސްޕޯޓް ކުރާ ޓެކްނޮލޮޖީގެ މުދާ އެތެރެ ކުރުން ހުއްޓުވުމެވެ.

މި އެކްސްޕޯޓް ކޮންޓްރޯލްގެ ދަށުން ރަޝިއާގެ އިގުތިސާދު ފުޅާކުރަން ބޭނުންކުރާ ޓެކްނޮލޮޖީ ސާމާނު ފޮނުވުން ހުއްޓޭނެ ކަމަށް އެ ފަރާތުން ބުނެ އެވެ.

މި ފިޔަވަޅުގެ ދަށުން އެމެރިކާގައި އުފައްދާ އެއްވެސް ސްޕެއާ ބައެއް ބޭނުން ކޮށްގެން އުފައްދާ ޓެކްނޮލޮޖީގެ އުފެއްދުންތައް ރަޝިއާއަށް އެތެރެ ކުރުމުގެ ކުރިން އެމެރިކާގެ ލައިސަންސެއް ހޯދަން ޖެހޭނެ އެވެ. އެމެރިކާގެ ސަރުކާރުން އެ ލައިސަންސް ނުދީފިނަމަ އެ އުފެއްދުންތައް ރަޝިއާއަކަށް އެތެރެއެއް ނުކުރެވޭނެ އެވެ.

މިއާއެކު އެންމެ ފާހަގަކޮށްލެވޭ ބަދަލަކަށްވާނީ ޗައިނާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ވާވޭގެ އުފެއްދުންތައް ރަޝިއާއަށް އެތެރެ ކުރުން ހުއްޓުވުމެވެ. މި ކުންފުންޏަކީ އެމެރިކާގެ ސަޕްލައި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރާ ކުންފުންޏެކެވެ.

"މި އެކްސްޕޯޓް ކޮންޓްރޯލްތަކުގެ މައިގަނޑު މަގްސަދަކީ ރަޝިއާގެ އުފެއްދުންތެރިކަން ދަށް ކުރުން،" ވައިޓް ހައުސްގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރެއް ކަމަށްވާ ޕީޓާ ހެރަލް ވިދާޅުވި އެވެ.

ރަޝިއާއިން ޔޫކްރެއިން ބޯޑަރު ކައިރީގައި ސިފައިން ޖަމާކުރަން ފެށީއްސުރެ އެމެރިކާއިން އައީ އެގައުމަށް އިގްތިސާދީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ.

ޓެކްނޮލޮޖީގެ އިތުރުން ސިވިލް އޭވިއޭޝަންފަދަ ދާއިރާތަކުގެ ސަޕްލަޔަރުން ވެސް ރަޝިއާއަށް މުދާ ބޭރުކުރުމުގެ ކުރިން ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބެލެވެ އެވެ. މިއީ މީގެ ކުރިން ބޭނުންވާ ހުއްދައެއް ނޫނެވެ.

މީގެ އިތުރުން ވެސް އެމެރިކާއިން މިހާތަނަށް ރަޝިއާގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަ ކުރުމަށް ދެމުން އައި އެހީތެރިކަން ހުއްޓާލައި އަސްކަރީ ހަތިޔާރާއި އުފެއްދުންތައް ފޮނުވުމުގައި ވެސް ހުރަސްތަކެއް އެކުލަވާލާނެ ކަމަށް ބެލެވެ އެވެ.

އިގްތިސާދީ މާހިރުން ބުނާ ގޮތުގައި އެމެރިކާއިން ރާވާފައިވާ މި ފިޔަވަޅުތަކަކީ ރަޝިއާއިން ހީނުކުރާފަދަ އަޑިގަނޑަކަށް އެގައުމުގެ އިގްތިސާދު ވައްޓާލާނެ ފިޔަވަޅު ތަކެކެވެ.

އެމެރިކާއިން 2020 ވަނަ އަހަރު ރަޝިއާއަށް ކުރި އެކްސްޕޯޓްތަކުގެ އަގު ފަސް ބިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު މިއީ ރަޝިއާ އިގްތިސާދުގެ ބޮޑު ހިއްސާ އެކެވެ.

އެހެން ކަމުން އެމެރިކާއިން ރަޝިއާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި ނަމަ އެގައުމުގެ އިގްތިސާދު އިނދަ ޖެހުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ. -- ރޮއިޓާސް