މޮސްކޯ (23 ފެބްރުއަރީ) - ޔޫކްރެއިންގެ ސުލްހައާއި އަމާންކަން ބެލެހެއްޓުމުގެ ނަމުގައި ރަޝިއާގެ ސިފައިން އެ ގައުމުގެ ވަކި ސަރަހައްދަކަށް ގޮސް އޮޕަރޭޝަންތައް ހިންގުމަށް އެގައުމުގެ މަޖިލީހަށް ރައީސް ވްލަމިދިރް ޕުޓިން ހުށައެޅި ހުށައެޅުން އެ މަޖިލީހުން ފާސްކޮށް ގައުމުން ބޭރުގައި އަސްކަރިއްޔާ ހަރަކާތްތެރިވުމުގެ ހުއްދަ ދީފި އެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ރަޝިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ނިކޮލޭ ޕަންކޮވް ވިދާޅުވީ މަޝްވަރާތައް ހުއްޓިއްޖެ ކަމަށާއި ޔޫކްރެއިންގެ ސަރުކާރުން އަނިޔާވެރިކަމުގެ މަގު ޚިޔާރު ކޮށްފައިވާ ކަމަށެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި ގައުމުން ބޭރުގައި ހަރަކާތްތެރިވާނެ ސިފައިންގެ އަދަދާއި ހަރަކާތްތެރިވާނެ މުއްދަތުގެ އިތުރުން އެ މުއްދަތުގައި އަސްކަރިއްޔާއިން ހިންގާނެ އޮޕަރޭޝަންތަކާއި މިޝަންތައް ނިންމުމުގެ ބާރު އޮންނާނީ ރައީސް ޕުޓިން އަށެވެ.

މަޖިލީހުގެ މި ނިންމުން އައިސްފައި މިވަނީ ރަޝިއާއިން އިރުމަތީ ޔޫކްރެއިންގެ ދެ ސަރަހައްދެއްގައި އެގައުމުގެ މައި ސަރުކާރާ ވަކިން އުފައްދާފައިވާ އިންގިލާބީ ސަރުކާރު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތްތާ އެއް ދުވަސް ފަހުންނެވެ.

ރަޝިއާގެ މި ފިޔަވަޅާއެކު އެގައުމުން ޔޫކްރެއިން ހިފަން އުޅޭ ކަމަށް ހުޅަނގުން ދެމުން އަންނަ އިންޒާރުތަކަށް އިތުރު ބާރެއް ވަނީ ލިބިފަ އެވެ.

ހުޅަނގުންނާއި އެމެރިކާއިން އިތުރަށް ބުނީ އިރުމަތީ ޔޫރަޕަށް ރަޝިއާ ސިފައިން އެރުމަކީ ބޮޑު އޮޕަރޭޝަނެއްގެ ފެށުން ކަމަށާއި އެގައުމު މައި މަގްސަދަކީ މުޅި ޔޫކްރެއިން އެގައުމުގެ އަތްދަށަށް ގެނައުން ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ މި ނިންމުމާއެކު ޕުޓިންގެ ރޭވުންތައް ކުރިއަށް ގެންދިއުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މިވަގުތަށް ބަލާއިރު 150،000 އަށްވުރެ ގިނަ ސިފައިން ރަޝިއާގެ ބޯޑަރު ކައިރީގައި ޖަމާކޮށްފައި އެބަ ތިއްބެވެ. -- އަލް އަރަބިއްޔާ