ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ގައި މިއަދު ސޮއިކޮށްފި އެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ.

މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ކޯޒްވޭތަކާއެކު ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒްގެ ދަށުން ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ، ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މިއަދު ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ ދެ މަޝްރޫއަކާ ބެހޭ އެމްއޯޔޫ ގައި ސޮއިކޮށްފަ އެވެ. މި ދެ މަޝްރޫއަކީ ހދ. ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސާޗް ސެންޓަރެއް ހެދުމާއި ސ. ހުޅުދޫގައި ގާއިމްކުރާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރު ހެދުމަށް 1،711،434.60ރ. އަދި ހުޅުމީދޫ ޑްރަގް ޑީޓޮކްސް ސެންޓަރުގެ މަސައްކަތަށް 7،980،563.69ރ. އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި އެ މަޝްރޫއުތަކަކީ މުޖްތަމައުގެ ޙާލަތު ރަނގަޅުކޮށް، އިގްތިސާދީ ގޮތުން ފުދުންތެރި މުޖްތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެވެ.