މޮސްކޯ (25 ފެބްރުއަރީ) - ޔޫކްރެއިންގައި ރަޝިއާގެ އަސްކަރިއްޔާއިން ހިންގަމުން އަންނަ އޮޕަރޭޝަންގެ ފުރަތަމަ ދުވަހަށް ކަނޑައަޅާފައިވާ ހުރިހާ ޓާސްކުތަކެއް ކާމިޔާބުކަމާއެކު އަސްކަރިއްޔާއިން ނިންމާލާފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ކޮނަޝެންކޯވް ބުނެފި އެވެ.

އިއްޔެ ރޭގެ ފަތިހުގެ ވަގުތެއްގައި ރައީސް ވްލަމިދިރް ޕުޓިންގެ އަމުރަށް ރަޝިއާގެ ސިފައިން ޔޫކްރެއިންއަށް އަރައި ހަނގުރާމައިގެ އަމަލުތަކެއް ވަނީ ހިންގާފަ އެވެ.

"ހަމަލާތައް ފެށި ފަހުން ޔޫކްރެއިން އަސްކަރިއްޔާގެ 83 ސަރަހައްދެއް ވަނީ ނައްތާލެވިފައި. ހަމައެއާއެކު އެ އަސްކަރިއްޔާގެ ގިނަ ވައިގެ އުޅަނދުތަކަކަށް ވެސް ވަނީ ހަމަލާ ދެވިފައި،" އިގޯރް ބުންޏެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ހަމަލާތައް ދޭން ފެށިފަހުން ވެރިރަށް ކީވްގެ އިތުރުން ޔޫކްރެއިންގެ އެހެން ސަރަހައްދުތަކެއްގައި ވެސް ބާރުގަދަ ގޮވުންތައް ވަނީ އިވިފަ އެވެ. ރަޝިއާގެ ހަމަލާތަކުގައި މިހާތަނަށް ޔޫކްރެއިން އަސްކަރިއްޔާގެ 137 ސިފައިން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ.

ޔޫކްރެއިންގެ ރައީސް ވްލަޑިމީރް ޒެލެންސްކީ ވަނީ މި ހަނގުރާމައާ ކުރިމަތިލައި، އެގައުމުގެ އަސްކަރިއްޔާއިން ކާމިޔާބު ހޯދާނެ ކަމަށް ގައުމާ މުހާތަބުކޮށް ދެއްވެވި ހިތާބުގައި ވިދާޅުވެފަ އެވެ. -- އަލް އަރަބިއްޔާ