ކީވް (26 ފެބްރުއަރީ)- މިހާރު ކުރިއަށްދާ ޔޫކްރެއިން - ރަޝިއާ ހަނގުރާމައިގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބަލިކަށިވެ ހަތިޔާރު ނުބަހައްޓާނެ ކަމަށް އެ ގައުމުގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައި މިވަނީ މިއަދު ޓްވިޓާ މެދުވެރިކޮށް އާއްމު ކުރެއްވި ވީޑިއޯއެއްގަ އެވެ.

ޔޫކްރެއިންއިން އަމާން ދޭން ރާވަމުން އަންނަ ކަމަށް ބުނެ ފަތުރަމުން ދާ ވާހަކަތަކަށް ރައްދު ދެމުން ޓުވިޓާގެ އެ ޕޯސްޓުގައި ޒެލެންސްކީ ވަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތައް ގަބޫލު ނުކުރަން އެދިފަ އެވެ.

"އަޅުގަނޑުމެން މިތިބީ މިތަނުގައި. އަޅުގަނޑުމެން ހަތިޔާރެއް ނުބަހައްޓާނަން. ގައުމުގެ ސަލާމަތަށް މަސައްކަތް ކުރަމުން ދާނީ އެއީ ހައްގު ގޮތް ކަމަށްވާތީ،" ވީޑިއޯގައި ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ މި ބީދައިން ވާހަކަފުޅު ދައްކަވާފައި މިވަނީ ޔޫކްރެއިންއިން އަމާން ދީފިނަމަ ސުލްހަވެރި މަޝްވަރާތަކަށް ތައްޔާރު ކަމަށް ރަޝިއާއިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

މިއަދު ކުރެއްވި އެހެން ޓުވީޓެއްގައި ޒެލެންސްކީ ވަނީ ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯންއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެގައުމުގެ އަސްކަރީ އެހީ ޔޫކްރެއިންއަށް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

"އެކުވެރިންގެ ފަރާތުން ދީލަތި އެހީތަކެއް ލިބެމުން. ހަނގުރާމަައާ ދެކޮޅަށް ކޯލިޝަނެއް ވެސް ދަނީ އުފެދެމުން،" ޒެލެންސްކީ ވިދާޅުވި އެވެ.

ހަނގުރާމައިގެ ތިންވަނަ ދުވަހަކަށް ޔޫކްރެއިންއިން ކުރިމަތިލާފައިވާއިރު ހަމަލާ ބަދަލު ކުރުންތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. -- ސީ އެން އެން