ރަޝިޔާއިން ޔޫކްރެއިންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާއެކު ވެސް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދައްކަވާ ހިތްވަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ،

ރަޝިއާ އިން ޔުކްރޭންގެ ވެރިރަށް ކީވް އަށް ހުއްޓުމެއް ނެތި ހަމަލާތައްދީ އެ ސިޓީ ހިފުމަށް މަސައްކަތް ކުރަމުންދާއިރު ޒެލެންސްކީ ވަނީ ރަޝިއާ އިން ދޭ ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އޭނާ އާއި އޭނާގެ އާއިލާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ގައުމު ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އަދި ޔުކްރޭން ދޫކޮށް ދިޔުމަށް އެމެރިކާއިން ދިން ދައުވަތު ވެސް އަބުރާ ވަނީ ރައްދުކޮށްފަ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫކްރެއިންގެ ރައްޔިތުންގެ ހައްގުގައި ޒެލެންސްކީ ދައްކަވަމުންދާ ސާބިތު ކަމަށް ތައުރީފް ހައްގު ކަމަށެވެ.

މިއީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން މި ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގެ ރައީސަށް ތައުރީފު ކުރައްވާ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު އެވެ.

ޔުކްރޭންގެ އެކި ސިޓީތަކަށް ރަޝިއާ އިން ހަމަލާތައް ދެމުންދާއިރު އެގައުމުން އިއްޔެ ވަނީ ކީވް ކައިރީގައިވާ ވައިގެ ބޭސް އެއް ހިފައިފަ އެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ރަޝިއާ އިން ވައިގެ މަގުން ގިނަ ހަމަލާތަކެއް ކީވްއަށް ދެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

ރަޝިއާ އިން ޔުކްރޭނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 190 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ހަމަލާތަކާ ގުޅިގެން ޔޫރަޕްގެ އިއްތިހާދާއި، އިނގިރޭސިވިލާތް އަދި އެމެރިކާ އިން ވަނީ ރަޝިއާގެ ރައީސް ޕޫޓިން އާއި އެގައުމުގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯ އަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފަ އެވެ.