ވޮޝިންޓަން (26 ފެބްރުއަރީ) - ސްވިފްޓް ޕޭމަންޓް ނެޓްވޯކް ބޭނުން ނުކުރެވޭ ގޮތަށް އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުން ރަޝިއާ އެ ނެޓްވޯކުން ބްލޮކް ކޮށްފި އެވެ.

ސްވިފްޓް ނެޓްވޯކްއަކީ ދުނިޔޭގެ އެއްގައުމުން އަނެއް ގައުމަށް ފައިސާ ފޮނުވުމަަށް ބޭންކުތަކުން ބޭނުންކުރާ މައި ނެޓްވޯކް އެވެ.

މި ފިޔަވަޅަކީ ރަޝިއާއިން ޔޫކްރެއިންއަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެގައުމާ ދެކޮޅަށް ދުނިޔޭގެ އެހެން ގައުމުތަކުން އަޅަމުންދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

ފިޔަވަޅު އެޅި ގައުމުތައް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފިޔަވަޅާއެކު ރަޝިއާ ސެންޓްރަލް ބޭންކުގެ ރިޒާވް ވެސް ހިފެހެއްޓޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިކަމަށް އަމަލު ކުރަން ފެށޭނެ ކަމަށެވެ.

ސްވިފްޓް ނެޓްވޯކުން ރަޝިއާ ބޭރުކޮށްލުމާއެކު އެގައުމުން އެހެން ގައުމުތަކާއެކު ކުރަމުން އައި ފައިސާގެ މުއާމަލާތްތައް ހުއްޓުމަކަށް އަންނާނެ އެވެ. މީގެ ސަބަބުން އެކްސްޕޯޓްއާއި އިމްޕޯޓު ދަށްވެ ރަޝިއާގެ އުފެއްދުންތެރިކަން ބޮޑުތަނުން ދަށްވާނެ އެވެ.

އީޔޫއާއި އެމެރިކާ އަދި ކެެނެޑާއަކީ ރަޝިއާ އިގްތިސާދުގެ ބޮޑު ހިއްސާދާރަކަށް ވާއިރު ސްވިފްޓް މެދުވެރިކޮށް މި ގައުމުތަކާއެކު މުއާމަލާތްތައް ނުކުރެވުމުގެ ނަތީޖާއަކަށް ވާނީ ރަޝިއާގައި މުދަލާއި ޚިދުމަތްތަކުގެ އަގު ބޮޑުވެ އާއްމު ދިރިއުޅުމުގެ ހާލަތު ދަށްވުމެވެ.

ސްވިފްޓުން ބޭރުވުމަކީ ފައިސާގެ މުއާމަލާތްތައް އެއްކޮށް ހުއްޓުން ނޫން ކަމުގައި ވިޔަސް އެއަށްފަހު ފައިސާގެ މުއާމަލާތްތައް ކުރަން އުނދަގޫވާނެ ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ.

މި ސަބަބަށްޓަކައި މި ފިޔަވަޅަކީ ރަޝިއާގެ އިގްތިސާދަށް ހީނުކުރާހާ ބޮޑު ހީނަރުކަމެއް ލިބޭނެ ފިޔަވަޅެއް ކަމަށް އެ ބޭފުޅުން ލަފާ ކުރެ އެވެ. - ރޮއިޓާސް