އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެޕާޓީގެ ބައެއް މެންބަރުން ވަޒީފާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަކިކުރައްވަމުން އަންނަ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު މިފަދަ ތުހުމަތުތަކެއް ކުރައްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ.

އެޕްރީލް މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، އެމްޑީޕީ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުން އަންނަނީ ހޫނު ބަހުގެ ހަމަލާތަކެއް ދެމުންނެވެ.

މި ވާދަވެރި އިންތިހާބުގައި ރައީސް ނަޝީދު ހުންނެވީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީއާއެކު އެވެ. ނަމަވެސް ރައީސް ސޯލިހް ތާއީދު ކުރައްވަނީ އެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ރައީސް ސޯލިހްގެ ފެކްޝަނަށް ތާއީދުކުރާ ފަރާތްތަކަށް ދަނީ ވަޒީފާ ދެމުންނެވެ. އަދި ސަރުކާރު ބައެއް ކުންފުނިތަކުގައި ތިބި ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދުކުރާ ފަރާތްތައް ވަޒީފާއިން ވަކި ކުރާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.

މިކަންކަމާ ގުޅިގެން ރައީށް ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުތައް ބޭނުން ކުރައްވަނީ ގާނޫނާ ހިލާފަށާއި އެ މާއްދާ ބޭނުން ކުރައްވަނީ "ވަރަށް ސިޔާސީ ގޮތެއްގައި" ކަމަށެވެ. އެގޮތަށް ހައްދަވާނަމަ، ނަޝީދު ވެސް މަގާމުން ވަކިކުރުމަށް ރައީސް ސޯލިހަށް ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީގެ 115 ވަނަ މާއްދާ މި ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް. ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން؛ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ޕާޓީއިން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކިކުރާ ނަމަ އަޅުގަނޑު ވެސް ވަކި ކުރައްވާ،" ނަޝީދު ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ނަޝީދު އިޝާރާތް ކުރެއްވި ގާނޫނުއަސާސީގެ 115 ވަނަ މާއްދާއަކީ، ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ ދަށުން މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ރައީސަށް ލިބިދެ އެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 16 ވަނަ ދުވަހު އެވެ.

މިއިންތިޚާބަކީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއް ސާފުވެގެންދާނެ އިންތިޚާބެއްކަމަށްވެސް ގިނަ ބަޔަކު ދެކެ އެވެ.