ރާއްޖޭގައި ތިބި ޔޫކްރެއިންގެ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ތިބި ޔޫކްރެއިންގެ ފަތުރުވެރިންގެ ވިސާ އިތުރުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ވިސާ އިތުރުކުރުމަށް ބޭނުންވާ ފަތުރުވެރިންނަށް އޮންއެރައިވަލް ވިސާ ހަމަވުމުގެ ކުރިން ވިސާ އިތުރު ކުރުމަށް އިމުގާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން މިގޮތަށް ނިންމާފައި މިވަނީ، ޔޫކްރެއިންނާއި ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ޔޫކްރެއިންގެ ގިނަ އަދަދެއްގެ ފަތުރުވެރިން ތާށިވެފައި ތިބުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ޔުކްރޭނާއި ރަޝިއާ ޓޫރިސްޓުންނަށް ވިސާ އިތުރުކޮށްދޭން އިމިގްރޭޝަނާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ޔުކްރޭނުގެ ޓްރެވަލް އެޖެންސީތަކުން ވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެހީއަށް އެދިފައިވެ އެވެ.

ނިސްޓްރީން މިއަދު ބުނީ މިވަގުތު ރާއްޖޭގައި ޔޫކްރެއިންގެ 750 ޓޫރިސްޓުން ތިބި ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރަޝިއާގެ 8،000 ޓޫރިސްޓުން ތިބިކަމަށް ލަފާ ކުރެވޭ ކަމަށް ބުންޏެވެ.

ރަޝިއާއިން ޔޫކްރޭނަށް ދޭ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ބުންޏެވެ. ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 23 ގެ ނިޔަލަށް ޔޫކްރެއިނުން 7،818 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެ ގައުމަކީ މި އަހަރު 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

ރަޝިއާގެ ފަތުރުވެރިން އަންނަ މިންވަރަށް މިހާތަނަށް އެއްވެސް ބޮޑު އަސަރެެއް ކޮށްފައި ނުވާއިރު، އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން އެ އަދަދަށްވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.