ކީވް (28 ފެބްރުއަރީ) - ޔޫކްރެއިން އާއި ރަޝިއާ މައްސަލާގައި ދެގައުމުގެ މެދުގައި މިއަދު ބާއްވާ މަޝްވަރާތަކަށް ދެ ގައުމުން ވެސް ތައްޔާރުވެފައިވާ އިރު މި މަޝްވަރާތަކުގެ ނަތީޖާއާ މެދު ގިނަ ޚިޔާލު ތަފާތުވުން ތަކެއް ވަނީ އުފެދިފަ އެވެ.

މިއަދު ކުރިއަށްދާ މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ބެލަރުސްއާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ އަވަށެއްގަ އެވެ.

މި މަޝްވަރާތަކުން ހަނގުރާމައަށް އަލިމަގެއް ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރި ނަމަވެސް މަޝްރަހު ދިރާސާކުރާ ފަރާތްތަކާއި ދުނިޔޭގެ ލީޑަރުންގެ ޚިޔާލު މިކަމުގައި ވަރަށް ތަފާތެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވަނީ ރަޝިއާއާއެކު މަޝްވަރާތަކަށް ތައްޔާރު ނަމަވެސް މި މަޝްވަރާތަކުން ނަތީޖާއެއް ނުކުންނާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.

ހަމައެއާއެކު ރަޝިއާއިން މަޝްވަރާއަށް ހުށައެޅުމަކީ ހަނގުރާމައިގެ އުކުޅަކަށް ވެދާނެ ކަމަށާއި ދުނިޔެއަށް ސުލްހައިގެ މަންޒަރު ދައްކައި ވަގުތުގެ ފައިދާ ނަގައި ހަމަލާތައް ވަރުގަދަ ކުރަންވެސް ރަޝިއާއިން ފަސް ނުޖެހޭނެ ކަމަށް ދުނިޔޭގެ ލީޑަރުން ދަނީ ބުނަމުންނެވެ.

"ޕުޓިން އެގޮތަށް އަމަލު ނުކުރާނެ ކަމަށް ގަބޫލު ކުރާނެ އެއްވެސް ސަބަބެއް ނެތް،" ރަޝިއާގެ ރައީސް ވްލަމިދިރް ޕުޓިންގެ ނިޔަތާމެދު ސުވާލު އުފައްދަމުން އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަޝިއާއިން އެއްވެސް ޝަރުތެއް ނެތި މަޝްވަރާތަކަށް އަރާފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެކަމުގެ ފަހުތުގައި ފޮރުވިފައިވާ ޕްރޮޕެގެންޑާއެއް އޮތުން ގާތް ކަމަށެވެ.

ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ބާއްވާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމަށް އޮތް ހަމައެކަނި ބާރަކީ މާޒީގެ ހަނދާން ތަކެވެ.

2014 ވަނަ އަހަރު މިދެގައުމުގެ މެދުގައި ހިނގި ހަމަނުޖެހުންތައް ވެސް ނިމުމަކަށް އައީ މި ބީދައިން ބެލަރުސްގައި ބޭއްވި މަޝްވަރާތަކަކަށްފަހު ވެވުނު އެއްބަސްވުމަކުންނެވެ.

ނަމަވެސް އެހާރާއި މިހާރުގެ ހާލަތު ތަފާތު ކަމަށާއި އޭރަށްވުރެ ރަޝިއާގެ ޕްރޮޕެގެންޑާ ފުޅާވެ އެކަމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މި ހުރިހާ ސަބަބުތަކަކަށްޓަކައި މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނިކުތުމުގެ ފުރުސަތު ހަނިކަމަށް އެ ބޭފުޅުން ބުނެ އެވެ. -- ސީ އެން އެން