ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ހާނީއްކަތަކެއް ލިބުނު މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމެޓީގެ ވިލިމާލެ ދާއިރާގެ މެމްބަރު އައިމިނަތު އީމާން މަރުވި ކަމަށް އަދި ނުނިންމާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އިމާނަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ އެހޮސްޕިޓަލުން ބުނީ އީމާން މަރުވި ކަމަށް އޭނާއަށް ފަރުވާ ދޭ ޑޮކްޓަރުން އަދި ނުނިންމާ ކަމަށެވެ. އެހެން ކަމުން އީމާން އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އޭޑީކޭއިން މައުލޫމާތުދެ އެވެ.

އޭޑީކޭއިން މިހެން ބުނެފައިވަނީ އީމާން ނިޔާވެއްޖެ ކަމަށް ބުނެ މީޑިއާގައި ހަބަރު ފަތުރާފައިވަނިކޮށެވެ.

އުމުރުން 29 އަހަރުގެ އީމާން އެކްސިޑެންޓްވީ ހުޅުމާލެ ކުރެދިމާ ހިނގުމުން ސައިކަލުގައި ދުއްވާފައި ދަނިކޮށް ވެއްޓިގެންނެވެ. އެކްސިޑެންޓް ހިނގީ އިއްޔެ ހަވީރު 4:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އީމާންގެ ބޮލުގެ ނާށިގަނޑު ވަނީ ފަޅައިގެން ގޮސްފަ އެވެ.

މި އެކްސިޑެންޓުގައި އީމާންގެ ބޮލަށް ހާނީއްކަވެ، ވަރަށްގިނައިން ލޭ ފައިބާފައި ހުރި މަންޒަރުވެސް އާންމުވެފައިވާ ވީޑިއޯއިން ފެނެ އެވެ. އޭނާއަށް އަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. ނަމަވެސް ހާލަތު ސީރިއަސް ވެގެން ފަހުން ވަނީ އޭޑީކޭއަށް ބަދަލު ކޮށްފަ އެވެ.