ޔުކްރެއިންގައި އެންމެ ފަހުން ތިބި ނުވަ ދިވެހި ހަންގޭރީއަށް އެތެރެވެއްޖެ އެވެ.
ޔޫކްރެއިންގެ ޚަރްކީވްގައި ތިބި ފަސް ދިވެހި ދަރިވަރުންނާއި، އެ ސިޓީގައި ތިބި ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން ނިޕްރޯގައި ހުރި ދަރިވަރު އިއްޔެ މެންދުރު ވަނީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ލިވީވްއަށް ދަތުރުކޮށްފަ އެވެ. އަދި ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާއިރު، ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންވެ.
އެ މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަންގޭރީގެ ޚާރިޖީ ވަޒީރާ ފޯނުން ގުޅުއްވައި، އަދި ނިއުޔޯކްގައި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ހަންގޭރީއަށް އެތެރެވެވޭނެ މަގު ފަހިކޮށްދީފައިވާ ކަމަށެވެ.
ހަންގޭރީއަށް އެތެރެވުމުން ފޮރިން މިނިސްޓްރީގެ ޓީމްގެ ބެލުމުގެ ދަށުން ދަރިވަރުން ވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ދަރިވަރުން މާލެއަށް އައުމަށް ފުރުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ. އަދި ޔޫކްރެއިންގައި ތިބި ދަރިވަރުން ދެއްކި ހިތްވަރަށް މިނިސްޓަރު ޝާހިދު ތައުރީފްކުރައްވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި ދަރިވަރުން ޔޫކްރެއިންގެ ޚަރްކީވްގައި ތިބި އިރު ވެސް ދަރިވަރުންނަށް ފޯނުން ގުޅުއްވައި، ދަރިވަރުންގެ ޙާލު ބައްލަވައި، އެ ދަރިވަރުންނަށް މިނިސްޓަރު ޝާހިދު ހިތްވަރު ދެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޔުކްރޭންގައި ތިބި ދިވެހިން އެ ގައުމުން ބޭލުމުގެ އޮޕަރޭޝަން ކާމިޔާބުކޮށްފައިވާއިރު ޖުމްލަ 53 ދިވެހިން ޔުކްރޭނުން ބޭރުކޮށް އެހެން ގައުމުތަކަށް ވަނީ ގެންގޮސްފަ އެވެ. އަދި ޔުކްރޭންގައި އެންމެ ގިނަ ދިވެހިން ދިރިއުޅުނީ ޚަރްކީވްގަ އެވެ. އެއީ ވެރިރަށް ކީވްއާ ވަރަށް ކައިރީގައި އޮންނަ ސިޓީއެކެވެ. ޔުކްރޭނުން ބޭރުވި ބައެއް ދިވެހިން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.