މޮސްކޯ (05 މާޗް) - ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހާއްސަ އަސްކަރީ އޮޕަރޭޝާ ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ އެ ގައުމަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާގެ އިގްތިސާދު ހީނަރުވެ ބޭންކުތައް ބަނގުރޫޓުވާން ކައިރިވެފައިވާއިރު އެގައުމުގެ ރައްޔިތުން ދަނީ ބޭންކުތަކުގައި ރައްކާކޮށްފައި ހުރި އެ މީހުންގެ އުމުރު ދުވަހުގެ މަސައްކަތް ގެއްލިދާނެތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން ރަޝިއާގެ ގިނަ ބަޔަކު ވަނީ ބޭންކުތަކުގައި ރައްކާކޮށްފައިހުރި ފައިސާ ނަގައި އަގުބޮޑު މުދާ ގަތުމަށް އެ ފައިސާ ދަނީ ހޭދަކުރަމުންނެވެ. އެގޮތުން ރަޝިއާގެ މާކެޓުގައި އަގުބޮޑު ގަހަނާއާއި ލަގްޒަރީ ކާރު ފަދަ މުދާތަކަށް އޮތް ޑިމާންޑް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ރަޝިއާ ފައިސާގެ އަގު ބޮޑުތަނުން ވެއްޓެމުންދާއިރު އުމުރު ދުވަހު ރައްކާކުރި ފައިސާގެ އަގު ދެމެހެއްޓެން އޮތީ އަގުބޮޑު މުދަލަށް ހޭދަކޮށްގެންނެވެ.

އެހެން ކަމުން ރަޝިއާ ރައްޔިތުން އަންނަނީ އަގުބޮޑު މުދަލުގެ ގޮތުގައި އެމީހުންގެ ސޭވިންގްސް ރައްކާކުރަމުންނެވެ.

"އުމުރު ދުވަހުގެ މަސައްކަތުގެ އަގު ހިފެހެއްޓެން އޮތީ ހަމައެކަނި މިގޮތަށް،" އަގުބޮޑު ގަހަނާ ސެޓެއް ގަތް ރަޝިއާގެ ރައްޔިތަކު ބުންޏެވެ.

މިއާއެކު ރަޝިއާގައި އޮޕަރޭޓްކުރާ ލަގްޒަރީ ބްރޭންޑްތަކުގެ ވިޔަފާރި ރަނގަޅުވެ ބޮޑު އާމްދަނީއަކާއި ފައިދާއެއް އެ ވިޔަފާރިތަކަށް ލިބެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.