އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދިޔަ ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއަ އެސްޓްރޮނޯޓް ޕްރޮގްރާމް ރާއްޖޭގެ 32 ދަރިވަރަކު ފުރިހަމަކޮށްފި އެވެ.

މިއީ މިފަދަ ޕްރޮގްރާމެއް ރާއްޖޭގެ ދަރިވަރުން ފުރިހަމަކުރި ފުރަތަމަ ފަހަރެވެ. ޖޫނިއަ އެސްޓްރޮނޯޓް ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް، ކެނޭޑިއަން ސްޕޭސް އެޖެންސީގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިއްޔެ ސްޓެލްކޯ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދެވެ.

އައިޖީއެސް އިން ބުނީ މާލެ އާއި ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކިޔަވައިދީފައި ވަނީ މައިގަނޑު ތިން މޮޑިއުލްއަކަށް ކަމަށެވެ. އަދި ސްޕޭސްގައި ފިޓްނަސް ބަހައްޓާނެ ގޮތާއި، ކެއިންބުއިން ކުރިއަށްގެންދާނެ ގޮތުގެ އިތުރުން، ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީއާއި، ޓީމެއްގެ ގޮތުގައި އެސްޓްރޮނޯޓުން ގުޅިގެން މަސައްކަތް ކުރާގޮތް ދަރިވަރުންނަށް ދަސްކޮށްދިން ކަމަށް ވެސް އިންސްޓިޓިއުޓުން ބުންޏެވެ.

މި ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް 2023 ގައި އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގައި އިތުރު ތަމްރީނު ހޯދުމުގެ ފުރުސަތު އައިޖީއެސް އިން ފަހިކޮށްދޭނެ އެވެ.

އައިޖީއެސްއަކީ ރާއްޖޭގައި ސްޕޭސް ސައިންސް ކުރިއެރުވުމަށް މަސައްކަތްކުރާ ހަމައެކަނި އިންސްޓިޓިއުޝަނެވެ. އައިޖީއެސް އިން ވަނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމް އިފްތިތާހުކޮށް، ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށާފަ އެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އަޖުމަ ބެލެމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ.

އައިޖީއެސްގެ ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެން ދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން މަސައްކަތްކުރައްވަ އެވެ.