ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ރާއްޖެ އޮންލައިންގެ (އާރުއޯއެލް)ގެ އިންޓަނެޓް ޚިދުމަތް ދޭން ޕާޓްނާޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އަދި އާރުއޯއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުއީދެވެ.
އެޗްޑީސީން ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމާއިއެކު، މިވަގުތު ރާއްޖޭގައި އިންޓަނެޓުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއްގެ ޚިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
އެޗްޑީސީން ގާއިމުކޮށްފައިވާ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއްގެ މައިގަނޑު ވިއުގަ އެވެ.
"މީގެ ޒަރީއާއިން އިންޓަނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގަ އަކުން އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދެވި އަދި މިކަންކަމަށްދާ ހަރަދު ވެސް ކުޑަވެގެންދާނެ. ހަމަ މިއާއެކު މިފަދަ ޚިދުމަތްތައް ދޭ ފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ،" އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ މިކަމުގެ ސަބަބުން ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެ ކަމަށެވެ.
"އެޗްޑީސީއިން އިސްނަގައިގެން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށްދިނުމަށް. އަދި އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓާއި، ޓީވީއާއި އެހެނިހެން އެފަދަ ޚިދުމަތްދޭ ފަރާތްތަކަށް ފުރިހަމަ ކަމާއެކު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން އަރުވަން،" އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ދިރާގާއި އުރީދޫގެ އިތުރުން މީޑިއާނެޓުން ވެސް އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް ހިދުމަތް ދެމުންނެވެ.