ގޭގައި ހުރެ ވިޔަފާރިއެއް ކުރަން ވިސްނާ ނަމަ، އެންމެ ރަނގަޅު ގޮތަކީ އެ މީހަކު އެންމެ ޝައުގުވެރިވާ، އެ މީހެއްގެ ހުރި ހުނަރަކާ ގުޅޭ އަދި ދުވާލުގެ ވަގުތަކަށް "ފިޓް" ވާ މަސައްކަތެއް ފެށުމެވެ. ކުޑަ ބަޖެޓަކުން ފަށާނަމަ އެންމެ ރިސްކު ކުޑަ މަސައްކަތެއްގެ ގޮތުގައި ބެލެވެނީ ކާބޯތަކެތީގެ ވިޔަފާރި އެވެ. މި ޒުވާނާ ވެސް މިވަނީ އޭނާ އެންމެ ޝައުގުވެރިވާ އަދި އެ މަސައްކަތެއްގައި ހުނަރުހުރި މަސައްކަތެއް ފަށައި ގިނަ ބަޔަކު ހައިރާން ކޮށްލައިފަ އެވެ. .
ރާއްޖޭގައި މީރުކޮށް ކެއްކުމަށް މަޝްހޫރު މީހުން ދިރިއުޅޭ ރ. އިންނަމާދޫއަށް އުފަން، އެ ރަށު އެވާލީޑް، ފާތިމަތު ސިމްނާ އަބަދު ވެސް އެންމެ ކުރާހިތްވާ މަސައްކަތަކީ ކެއްކުމެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ރަށުގައި ބޮޑެތި ކެއުންތައް ކައްކާއިރު އަތް ގާތް ކޮށްދޭން ގެންދާ ހަނދާން މިހާރު ވެސް އެބަހުއްޓެވެ.
އެހެން އުޅުމުގެ ތެރެއިން ކެއްކުމާ ބެހޭ ގިނަ ކަންކަން ދަސްވެ އެ މަސައްކަތަށް އޭނާގެ ހިތްޖެހުނެވެ. އޭނާ ވަނީ ބޮޑެތި ކެއްކުން ކައްކާ މީހުން ފެށިގެން ޕޭސްޓްރީގެ މަސައްކަތްކުރާ މީހުންނާއެކު ވެސް އެމީހުންގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ، ގިނަ ތަޖުރިބާތަކެއް ލިބިފަ އެވެ.
ރަށުންނާއި މާލެއިން ތައުލީމު ހާސިލް ކުރުމަށް ފަހު ވިޔަފާރީގެ ގޮތުގައި ކައްކަން ފެށުމުގެ ކުރީން އޭނާ ވަނީ އެކި ވަޒީފާތަކުގައި އުޅެ މީހުންނަށް ޚިދުމަތް ކުރުމުގެ ރޮގުން ގިނަ ތަޖުރިބާތަކެއް ވެސް ލިބިފަ އެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފުޑް ކޯޓްގަ އިންނަ އައިސްކްރީމް ވިއްކާ ޑެއިރީ ކުއީންގައި އަޅުގަނޑު މަސައްކަތް ކުރިން. އޭގެ ފަހުން މާލެ އަތޮޅު މާފުށީގަ ހުންނަ މާފުށީ ކެފޭގެ ކައުންޓާގައި ވެސް އަޅުގަނޑު މަސައްކަތް ކުރިން،" ހުސް ވަގުތެއް ލިބިއްޖެ ނަމަ، ވޮލީ ކުޅުމާއި އަދި ފަހަކަށް އައިސް ޕައިޕް ކްލީނާސް މާ ހަދާ ސިމްނާ ކިޔައިދިނެވެ.
ކޮވިޑް ތެރޭގައި މާފުށީގައި އަދާކުރަމުން ދިޔަ ވަޒީފާ ގެއްލުމުން އޭނާ ދެން ބަދަލުވީ ފިރިމީހާގެ ރަށް މ. މުލީއަށެވެ. އެ ރަށަށް ބަދަލުވެ ގޭގައި ހުރެ ކުރެވޭނެ ކަމަކާ ދޭތެރޭ ވިސްނަމުން ގޮސް ކުރުމަށް އެންމެ ރަނގަޅު މަސައްކަތެއްގެ ގޮތުގައި އޭނާއަށް ވިސްނުނީ ކާބޯތަކެތީގެ ވިޔަފާރިއެއް ފެށުމަށެވެ. އެއީ އޭނާ ދެކޭ ގޮތުގައި އޭނާ އެންމެ ކުރާހިތްވާ އަދި އެ މަސަކަތް ކުރުމުގެ ހުނަރު އޭނާގެ ކިބައިގައި ހުރިކަމަށް ގަބޫލު ކުރެވޭތީ އެވެ.
ވިޔަފާރި ފެށުމުގެ ގޮތުން އޭނާ ކައްކާ މީރު ކާއެއްޗެހީގެ ފޮޓޯ ނަގައި މުލީ ވިޔަފާރި ގްރޫޕުގައި ހިއްސާކުރި އެވެ. އެ ވިޔަފާރި ގްރޫޕަކީ މުލީގައި އެކި ވިޔަފާރި ކުރާ ފަރާތްތަކަށް އެ މީހުންގެ ވިޔަފާރި ކުރިއެރުވުމަށް ހަދާފައި ހުންނަ ވައިބާ ގްރޫޕެކެވެ. އެ ގްރޫޕުގައި ހިއްސާކުރި ސިމްނާގެ ލަންޗް ޕެކްއަށް އޭނާ ހީ ވެސް ނުކުރާ ފަދަ ބޮޑު ތަރުހީބެއް ލިބުން ވެގެން ދިޔައީ އެ މަސައްކަތް ކުރަން ފެށުމަށް ހިތްވަރު ލިބުމެވެ.
"މެންދުރުގެ ކެއުމާ، ރޭގަނޑުގެ ކެއުން ފުރަތަމަ ތައްޔާރު ކުރަން ފެށީ. ފަހުން ޕޭސްޓްރީގެ ވައްތަރުތައް ހަދަން ދަސްކޮށް ތަފާތު ވައްތަރުގެ ޕޭސްޓްރީ ހަދަން ފެށީ. އަދި ކޭކު ކޯހެއް ހަދައި ކޭކު އަޅަން ވެސް ފެށިން،" ޝިމްނާ ބުންޏެވެ.
މުލީގައި ދިރިއުޅެން ފެށި ފަހުން މި އަހަރަށް ފަސް އަހަރު ވެފައިވާ އިރު، އޭނާ ވަނީ އެ ވިޔަފާރި ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި އިންސްޓަގްރާމްގައި "ސުވީޓް ޓްރީޓްސް"ގެ ނަމުގައި ޕޭޖެއް ހުޅުވުން ފާހަގަކުރެވެ އެވެ.
"އާންމުކޮށް މިހާރު މިހަދަނީ ޕޭސްޓްރީސްގެ ބާވަތްތައް. މިސާލަކަށް ކޭކު، ޑޯނަޓް ފަދަ އެއްޗެހި. މިވަގުތު ހުރިހާ މަސައްކަތެއް ވެސް މިކުރަނީ ހަމަ ގޭގައި. އެހެން ނަމަވެސް އަލަށް ހަދާ ގޭގައި މިމަސައްކަތް ކުރުމަށް ހާއްސަ ތަނެއް ހިމަނައިގެން ޑިޒައިން ކޮށްފަ އިންނާނެ،" ޝިމްނާ ބުންޏެވެ.
މި މަސައްކަތް ކުރުމުގައި އޭނާއަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ފަހަރު އެމަސައްކަތަށް ބޭނުންވާ އެއްޗެހި ނުލިބުމެވެ. އެހެން ނަމަވެސް އޭނާގެ ކެއުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޑެލިވާ ކުރުމުގައި ދަތިކަމެއް ނެތުމަކީ އޭނާއަށް މި މަސައްކަތުގައި ހުރި ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ފާހަގަ ކުރެ އެވެ.
ކުޑަ ދެ ދަރިންގެ ހުރިހާ ކަމެއް ކުރަމުން، ކާބޯތަކެތީގެ ވިޔަފާރިއެއް އެހާފުޅާ ދާއިރާއެއްގައި ކުރެވެނީ އޭނާ ގެންގުޅޭ ހަރުދަނާ އުސޫލުތަކެއްގެ ސަބަބުންކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ދުވާލާއި ރޭގަނޑުގައި ލިބޭ ހުސް ވަގުތުތަކަށް މަސައްކަތްތައް ބަހާލައި އެގޮތުގައި ދެމި ހުރުމަށް ކެތްތެރިކަމާއި ހީވާގި ކަމާއެކު މަސައްކަތްކުރެ އެވެ.
އޭނާގެ މަސައްކަތް އަމާން އޮމާންކަމާއެކު ކުރިއަށް ގެންދެވެނީ އޭގެ ސަބަބުންނެވެ. އެހެން ނަމަވެސް ބިޒީވެގެންދާ ވަގުތެއްގައި ސިމްނާގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ ދޮންތަ އަދި ރައްޓެހިންކަން އޭނާ އުފަލާ އެކު ފާހަގަ ކުރެ އެވެ.
"އަޅުގަނޑުގެ ތައްޔާރުކުރާ ރެސިޕީތައް އަޅުގަނޑުގެ ޓިކްޓޮކް ޕޭޖް 'ސިމްނާ ނިޒާމް' އިން ލިބޭނެ. އިންސްޓަގްރާމް ޕޭޖް 'ސްވީޓް ޓްރީޓްސް' އަށް ލަނީ ހަމައެކަނި ފޮޓޯ،" ސިމްނާ ބުންޏެވެ.
މާލޭގެ އެއްވެސް ފުޑް ފެއާއެއްގައި އަދި މިހާތަނަށް ބައިވެރި ނުވި ނަމަވެސް މުލަކުގައި އޮންނަ ފުޑް ފެއާތަކުގައި އޭނާ ގަވައިދުން ބައިވެރިވެ އެވެ. "ގުޑީސް ބައި ޝާއްކޮ" ޕޭޖް ހިންގާ އޭނާގެ ރައްޓެއްސަކާ އެކީ އާންމުކޮށް ބައިވެރިވާ އިރު އެފަދަ ފެއާތަކުން ވަރަށް ފައިދާވާކަން އޭނާ ފާހަގަކުރި އެވެ.
ގޭގައި ހުރެ ކުރާ މި މަސައްކަތުން ވަރަށް ރަނގަޅު އާމްދަނީއެއް އޭނާއަށް ލިބޭ ކަމަށާއި، ސިމްނާގެ ކެއްކުންތަކަށް މިހާތަނަށް "ނެގެޓިވް ފީޑްބެކް" އެއް ލިބިފައި ނުވާކަން އޭނާ ވަރަށް އުފަލާ އެކު ފާހަގަކުރެ އެވެ. އަދި މި މަސައްކަތުގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަމިއްލަ ގޭގައި ކުޑަ ބޭކަރީ ކޯނާއެއް ހުޅުވޭނެ ދުވަހެކެވެ.