އާންމުކޮށް ހިތުގެ ބަލިތަކާއި ސްޓްރޯކްގެ ނުރައްކާ ބޮޑުވަނީ އުމުރުން ދުވަސްވާ ވަރަކަށް ކަމަށް ގިނަ ބަޔަކަށް އޮންނަނީ ހީވެފަ އެވެ.

ނަމަވެސް ޒުވާން އުމުރުގައި ހަށިގަނޑުގައި އުފެދޭ ބައެއް ބަދަލުތަކާއި އަލާމާތްތަކުން، ކުރިއަށް އޮތް އަހަރު ތަކުގައި ހާޓްއެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަނެވޭ ކަމަށް ސިއްހީ ދިރާސާތަކުން ދައްކަ އެވެ.

ކުރީބައިގައި ފާހަގަވާ މުހިންމު އަލާމާތްތަކާއި ނިޝާންތައް

  • ލޭގެ ޕްރެޝަރު މަތިވުން: ޒުވާން އުމުރުގައި ލޭގެ ޕްރެޝަރު ކުޑަކޮށް މަތިވެފައި ހުރުމަކީ، ފަހުން ލޭހޮޅިތަކަށް ގެއްލުން ލިބި، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.
  • ކޮލެސްޓްރޯލް އަދި ލޭގައި ހަކުރު އެކުލެވޭ މިންވަރު: ލޭގައި ނުރައްކާތެރި ކޮލެސްޓްރޯލް (އެލްޑީއެލް) މަތިވުމާއި، ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލުން ނެއްޓުމަކީ ލޭހޮޅިތަކުގައި ދަވައާއި އަރިދަފުސް ޖަމާވުމަށް މަގުފަހިކުރާ ކަންތައްތަކެވެ.
  • ބަރުދަން އިތުރުވުމާއި ވިސަރަލް ފެޓް: ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ވަށައިގެން ޖަމާވާ ސަރުބީ ގިނަވުމަކީ، ހަށިގަނޑުގައި ދުޅަވުން އުފެދި، ހިތުގެ މައްސަލަތަކަށް މަގުފަހިކުރާ ކަމެކެވެ.
  • ނިދުމުގެ މައްސަލަތައް: ދިގު މުއްދަތަކަށް ނިދި މަދުވުން ނުވަތަ ނިދާއިރު ނޭވާލުމަށް ދަތިވުން ފަދަ ކަންތައްތަކަކީ ލޭގެ ޕްރެޝަރާއި ހިތުގެ މަސައްކަތަށް ނޭދެވޭ އަސަރުކުރާ ކަންކަމެވެ

ހަށިގަނޑުން މިފަދަ އަލާމާތްތައް އަވަހަށް ދެނެގަނެވުމަކީ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.

ގަވާއިދުން ކަސްރަތު ކުރުމާއި، ހެޔޮ ކާނާ ކެއުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމާއި، ގަވާއިދުން ސިއްހީ ޗެކަޕް ހެދުމަކީ މި ނުރައްކާ ކުޑަ ކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކެވެ.