ކީވް (07 މާޗް) - ޔޫކްރެއިންގެ އިރުމަތީ ރަށެއް ކަމަށްވާ މެރިއުޕޯލްއަށް ރަޝިއާ އަސްކަރިއްޔާއިން އަރައި ހަމަލާ ބަދަލު ކުރާތާ ފަސް ދުވަސްވެފައި ވާއިރު ކާބޯތަކެއްޗާއި ބޯފެން ހުސްވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

އެ ސަރަހައްދުގައި ދިރިއުޅެމުންދާ 27 އަހަރުގެ މެކްސިމްއަކީ އޭނާގެ ކާފައާއި މާމައާއެކު އެޕާޓްމަންޓް އިމާރާތެއްގެ ހަވަނަ ބުރީގައި ދިރިއުޅެމުން އަންނަ ޒުވާނެކެވެ.

މެކްސިމް ބުނި ގޮތުގައި ހަމަލާ ބަދަލު ކުރުންތައް ފެށުނީއްސުރެ ބޭރަށް ނުކުމެ އުޅުން ހުއްޓިފައިވާއިރު މިސައިލްތަކާއި ބަޑީގެ އަޑުފަށްގަނޑު މުޅި ދުވާލުހެން އިވެމުންދެ އެވެ.

ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުން ބޭރުވުމުގެ ފުރުސަތު ނެތްއިރު އެމީހުންނަށް ލިބުނު އުއްމީދަކީ އެ ސަރަހައްދުން މީހުން ހުސްކުރުމަށް ބަސް ދަތުރުތަކެއް ރޭވުނު ވާހަކަ އެވެ. ނަމަވެސް އެ ބަސްތަކުގައި ވެސް މީހުން ފުރި ތޮއްޖެހުމުގެ ސަބަބުން މެކްސިމްއާއި އޭނާގެ އާއިލާއަށް ދެވޭ ގޮތް ނުވީ އެވެ.

"އަމިއްލަ ކާރުގައި ވެސް ދެވޭތޯ އުޅުނިން، އެކަމަކު ނުދެވިގެން އުޅެނިކޮށް ހަމަލާތައް ފަށައިފި،" މެކްސިމް ބުންޏެވެ.

މެކްސިމް ބުނިގޮތުގައި އެ ސަރަހައްދުން އިސްކުރު ފެން ލިބުން ހުއްޓިފައިވާއިރު ފިހާރަތައް ބަންދުވުމުގެ ސަބަބުން ކާބޯތަކެއްޗާއި ބޯފެން ލިބުމުގައި ވެސް ދަތިތަކެއް އެބަހުއްޓެވެ.

"މިހާރު ހުރިހާ ވެސް ފެނަކީ ފެންވަރަން ރައްކާ ކުރި ފެން. އެ ފެން ކައްކައިގެން މި ބޭނުން ކުރަނީ،"

ހަމަލާތަކުގައި ގެދޮރު ހަލާކުވެ 20 އަށްވުރެ ގިނަ މީހުން މެކްސިމްގެ އެޕާޓްމަންޓްގައި މިހާރު ދިރިއުޅެމުންދާއިރު އެ އެންމެންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ވެސް ނުލިބޭ ކަމަށް މެކްސިމް ބުންޏެވެ.

ހަމަލާ ބަދަލު ކުރުންތައް ވަރުގަަދަ ވަމުންދާއިރު މެކްސިމް ފަދަ މެރިއުޕޯލްގެ ރައްޔިތުން އެދެނީ އިންސާނީ އެހީ އަށެވެ. ސަލާމަތުން ރައްކާތެރި ހިސާބުތަކަށް ދެވޭނެ ފަދަ ގޮތެއް ލިބުމެވެ.