އާންމުންނަށް ނުރައްކާވާ ކަމަށް ބުނެ އައްޑޫ ލިންކް ރޯޑުގައި 70 ވަރަކަށް އަހަރުވެފައި ހުރި ގިނަ އަދަދެއްގެ ރުއްތަކެއް ކަނޑާލުމުން އައްޑޫ ސިޓީ ކައުންސިލަށް އާއްމުންގެ ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.

ލިންކް ރޯޑުގެ މެދުގައި ހުރި ރުއްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުން ދާ ކަމަށް ބުނެ، އެ 55 ރުއްތައް ކަނޑާލީ މިއަދު އެވެ.

އައްޑޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އެ ރުއްތައް ކަނޑާލީ ވައިގަދަވެ، ވިއްސާރަވާ ދުވަސްތަކުގައި ރުއްތަކުން އެއްޗެހި ވެއްޓި ނުރައްކާތެރި ހާދިސާތައް ހިނގާތީ ކަމަށެވެ. އަދި އެ ރުއްތައް ކަނޑާލަން ނިންމީ ވެސް އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އައްޑޫ ލިންކް ރޯޑުގައި ހުރި ރުއްތަކެއް މިއަދު ކަނޑާލާފައި. މި ރުއްތައް ކަނޑާލުމުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުން.

އެ ރުއްތައް ކެނޑުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އީޕީއޭގެ ހުއްދަ ވެސް ހޯދައިފަ އެވެ.

ކައުންސިލުން ބުނީ އެތަނުން ކަނޑާލި ކޮންމެ ރުކަކަށް އިތުރު ދެ ރުއް އިންދަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނީ އެ ރުއްތައް ނެގުމަށް ފަހު، އެތަނުގައި އަލުން ގަސް އިންދާއި ލައިޓް ހަރުކޮށް، އެ ސަރަހައްދު ބޮޑަށް އަލިކުރަން ވެސް ޕްލޭން ކޮށްފައިވާ ކަމަށެވެ.

އާންމުންގެ ރައްކާތެރިކަމަށް ކައުންސިލުން ރުއްތައް ކަނޑާލިޔަސް، ސޯޝަލް މީޑިއާގައި ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.