ކ. ގުޅިފަޅުގައި މި ސަރުކާރުން ހަދަން ނިންމި ބަނދަރުގެ މަސައްކަތް ހުއްޓާލައި އަދި އެ މަޝްރޫއު ކ. ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހެޔޮއެދޭނަމަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތްގޮތަށް ބަނދަރު ތިލަފުއްޓަށް ބަދަލުކުރައްވައި ގުޅިފަޅަކީ ބޯހިޔާވަހިކަމަށް ހާއްސަ ތަނަކަށް ހަދަން ސަރުކާރަށް އާދޭހާއެކު ގޮވާލައްވާ ކަމަށެވެ.

"އަދި ހުޅުމާލޭގެ ފޭސް ދޭއްގެ ބިން މުއްސަނދިންނަށް ވިއްކާ ހުސްކޮށްލުމުގެ ބަދަލުގައި ނިކަމެތި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތް ހެއްދެވުމަށް ގޮވާލަން. މާލޭގެ ބޯހިޔާވަހިކަމުގެ އުއްމީދުގައި ކޮޅުފައިން ޖަހައި ދައްކާ ވާހަކަޔާ ކުރާ މިކަހަލަ ކަންކަން ހުއްޓާލައްވާ،" މާލޭގެ މޭޔަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ ކޮމާޝަލް ހާބަރު ގުޅިފަޅަށް ބަދަލުކުރުމަށް އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ ތަނުގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ނިންމައިފަ އެވެ.

އާ ސަރުކާރުން ގުޅިފަޅުގައި އެ ބަނދަރު ހަދަން ނިންމުމުން އިދިކޮޅު ޕީޕީއެމް އިން އަންނަނީ އެކަމަށް ފާޑުކިޔަމުނެވެ. އެ ޕާޓީން ބުނަނީ ގުޅިފަޅުގައި އެ ބަނދަރު ހެދުމުން މާލެ ސަރަހައްދުގައި ގޯއްޗާއި ފްލެޓް އިމާރާތްކުރަން އޮތް ބިމުގެ ޖާގަ ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ. އެހެން ކަމުން އެ ބަނދަރު ހަދަން އެންމެ ރަނގަޅީ ތިލަފުށި ކަމަށް ވެސް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.

ސަރުކާރުން ބުނެފައި ވަނީ މާލޭ ކޮމާޝަލް ހާބަރާއި ނޯތު ހާބަރު އަދި ޓީ-ޖެޓީ ސަރަޙައްދުގެ ބައެއް ޚިދުމަތްތަކާއި މަސައްކަތްތައް ގުޅިފަޅު ބަނދަރަށް 2023 ގައި ބަދަލުކުރެވޭނެ ކަމަށެވެ.