ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން މާސް އެޅުން މަޖުބޫރެއް ނޫން ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭގެ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސް އެޅުން މަޖުބޫރުވުން އުވާލި ނަމަވެސް 20 ޕަސެންޓަށް ވުރެ ޕޮޒިޓިވިޓީ ރޭޓް މަތި ރަށްރަށުގައި މާސް އަޅަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ސިއްހީ ހިދުމަތް ދޭ ތަންތަނުން އަދިވެސް މާސް އެޅުން މަޖުބޫރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދިން ނަމަވެސް އަދިވެސް ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުން ކޮވިޑަށް ޓެސްޓް ކުރާނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ބޮޑެތި ލުއިތަކެއް އެޗްޕީއޭ އިން ވަނީ އިއުލާންކުރައްވައިފަ އެވެ. މިގޮތުން ވެކްސިން ނުޖެހިޔަސް ޕީސީއާރު ހަދަން ނުޖެހޭނެ ގޮތަށް ހަމަޖެއްސުމާއި ރާއްޖެ އަންނަ ދިވެހިން ފަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ޓެސްޓް އެދެވިގެންވާ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިރެއިން ފެށިގެން ކޮވިޑްގެ ތަފާސްހިސާބުތައް އިއުލާންކުރާނީ ހަފުތާއަކު އެއް ރޭ ކަމަށެވެ.