އެމްޑީޕީގެ ޗެއާޕާސަން ގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ކުރެއްވި ޓުވީޓެއް ރައީސް އޮފީހުގެ ރަސްމީ ޓުވިޓާ އެކައުންޓުން ރިޓުވީޓު ކުރެވުނީ އޮޅިގެންކަމަށް އެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ރިޓުވީޓު ކުރެއްވީ އެތެރޭގެ އިންތިޚާބުގެ ކެމްޕޭނަށް ފައްޔާޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅަކާ ގުޅިގެން، އޭނާއަށް މުލަކަ އަތޮޅުންނާއި ނިލަންދެ އަތޮޅުން އެމްޑީޕީގެ މެންބަރުން އަދާކުރި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ފައްޔާޒު ކުރެއްވި ޓުވީޓެކެވެ.

އެކަމާ ގުޅިގެން ފަހުން ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ އޮފީހުގެ އެކައުންޓުން ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ޓުވީޓެއް ރިޓުވީޓުކުރި ކަމަށެވެ. އަދި އެ ރިޓުވީޓު އެ އެކައުންޓުން ފުހެލުމުގެ ކުރިން މިނިޓުތަކަށް އެ އެކައުންޓުން ފެންނަ ގޮތަށް އެ ޓުވީޓު އޮތް ކަމަށެވެ. އަދި އެ ޓުވީޓު ރިޓުވީޓުކުރެވި މިނިޓުތަކަކަށް އެ އެކައުންޓުން އެ ޓުވީޓު ފެންނަން އޮތީ އޮޅިގެން ހިނގި ކަމެއްގެ ސަބަބުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. މި ޓުވީޓު ރިޓުވީޓުކުރެވެން މެދުވެރިވި ސަބަބެއް ބެލުމަށް މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އަދި މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ޚާއްޞަ އިތުރު ޕްރޮޓަކޯލުތަކަކަށް މިހާރު އަމަލުކުރަން ފަށާފައިވާކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ.

މިކަމާގުޅިގެން ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގެ ކެމްޕެއިން ތަރުޖަމާނު ތަރުޖަމާނު މުހައްމަދު ވަހީދު ވައްޑެ ވިދާޅުވީ ރައީސް އޮފީހުގެ ރަސްމީ ޓުވިޓާ އެކައުންޓުން ފައްޔާޒުގެ ކެމްޕޭން ޓުވީޓެއް ރިޓުވީޓުކުރެވުމަކީ، "އޮޅުމަކުން" ކުރެވުނު ކަމެއް ކަމަށް ބުނެ ފުއްދާލެވޭ މިންވަރަށްވުރެ ނުރައްކާތެރި ބޮޑު ކަމެއް ކަމަށެވެ. އަދި އެ ރިޓުވީޓަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނު ހަރަކާތްތައް ރައީސް އޮފީހުގެ ތެރޭގައި ހިންގާކަމުގެ ސާފު ހެކިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން އެހެން ކުރެވުނީ ރައީސް އޮފީހުގެ އިސްވެރިން އޮފީހުގެ ތެރޭގައި މާބޮޑަށް ކެމްޕޭން ހަރަކާތްތައް ހިންގަވާތީ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ވާދަވެރިކަން މިހާރުވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. މި އިންތިހާބުގައި ފައްޔާޒު ވާދަކުރައްވަނީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ. އަދި އިންތި ވާދަކުރައްވަނީ ރައީސް ނަޝީދުގެ ފެކްޝަނުންނެވެ.