ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިޔާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ރާއްޖެއިން ވެސް ތަންފީޒުކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ދިވެހި ސަރުކާރުގައި އެދިއްޖެ އެވެ.

އެމެރިކާއިން މިގޮތަށް އެދިފައި ވަނީ މިދިޔަ ހަފްތާގައި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އާއެކު ބޭއްވި ބައްދަލުވުމުގައި ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއިން ރަޝިޔާ ފަތުރުވެރިންނަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށާއި އެފަދަ ފިޔަވަޅެއް އެޅޭނީ އެއާއެކު ދެން ލިބިދާނެ އިގްތިސާދީ ގެއްލުންތައް ވަޒަން ކުރުމަށްފަހު ކަމަށް ބުނެފަ އެވެ. އަދި ފިޔަވަޅު އެޅޭނެ ގޮތްތައް ބަލާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް އިބްރަހިމް މުހައްމަދު ސޯލިހް ގައުމާއި މުހާތަބުކުރައްވައި މިމަހުގެ 13 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ވަނީ ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އަދި ރަޝިޔާ އާއި ޔޫކްރެއިންނާއި ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލާ މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ގޮވާލައްވައިފަ އެވެ.

ޔޫކްރޭންގެ މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ.