ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ދަށުގައި ހުރީ ތިން ދުވެއްޔެއްގައި ހިނގާ މަސައްކަތްތައް ކަމަށާއި ބައެއް މަސައްކަތްތައް ނުހިނގާ ލަސްވާ ސަބަބު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ބިލެތްދޫ ނަރުދަމާގެ މަސައްކަތް ލަސްވާތީ އާއި މިނިސްޓަރަށް އެންމެ އުނދަގޫ އެއް މަސައްކަތަކީ ނަރުދަމާގެ މަސައްކަތް ކަމަށް ވިދާޅުވެ އެކަން ސާފު ކުރެއްވުމަށް ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުގައި ހުރި މަސައްކަތްތަކުގެ ތެރޭގައި ތިން ދުވެއްޔެއްގައި ހިނގާ މަސައްކަތްތައް އެބަހުރި ކަމަށެވެ.

އެގޮތުން ބައެއް މަޝްރޫއުތަކަކީ ވަރަށް ހަލުއި ދުވެލީގައި ހިނގާ މަޝްރޫއުތައް ކަމަށާއި، އަނެއްބައި މަޝްރޫއުތަކަކީ އިތުރަށް މަސައްކަތްކޮށްގެން މެނޭޖުކުރުމުން ދުވެލި ހަލުއިވާ މަޝްރޫއުތައް ކަމަށާއި، ތިންވަނަ ބާވަތުގެ މަޝްރޫއުތަކަކީ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ބުރެކިޖެހި މަޑުޖެހިފައި ހުންނަ މަސައްކަތްތައް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

"އަޅުގަނޑުގެ ބެލުމުގެ ދަށުގައި ހިނގާ މަސައްކަތްތަކުގެ ތެރޭގައި ބާރަށް ހިނގާ މަސައްކަތްތައް ހުރޭ. އަދި ކުޑަކޮށް މަސައްކަތްކޮށްލުމުން ބާރަށް ހިނގާ މަޝްރޫއުތައް ހުރޭ. އަދި ކިތަންމެ މަސައްކަތްކުރިއަސް ދެން އެ އޮންނަ ސްޕީޑެއްގައި ބުރެކިޖެހިފައި ހުންނަ މަސައްކަތްވެސް ހުރޭ،" އަސްލަމް ވިދާޅުވި އެވެ.

ބައެއް ކުންފުނިތަކާ ހަވާލުކުރާ މަސައްކަތް ލަސްވުމާ ގުޅިގެން ދައުލަތަށް ބަލަދުއަރާ ކުންފުނިތަކެއް ހުންނަނީތޯ މެންބަރުން ތަކުރާރުކޮށް ސުވާލުކުރައްވާ ކަމަށާއި، އެ ސުވާލުގެ ޖަވާބުގައި ތަކުރާރުކޮށް ވިދާޅުވާން އޮތީ އެފަދަ ކުންފުނިތަކެއް ނެތްކަމަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ލަސްވުމުގެ ސަބަބުން ގިނަ މަޝްރޫއުތައް މަޑުޖެހިފައިހުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ސުވާލު ކުރައްވާ ކަމެކެވެ.