ސޯލް (16 މާޗް) - ދެކުނު ކޮރެއާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތައް ބޮޑު ތަނުން އިތުރުވެ އެގައުމުގެ ކޮވިޑް ހާލަތު ގޯސްވާން ފަށައިފި އެވެ.

ސޯލްގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ކޮވިޑްގެ މި ރާޅަކީ އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން އެގައުމަށް ކުރިމަތިވި ރާޅެކެވެ.

އެގޮތުން ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 400،741 ކޮވިޑް ޕޮޒިޓިވް ކޭސް އެގައުމުގައި ރެކޯޑު ކުރެވިފައިވެ އެވެ. މިއީ ޕެންޑެމިކް ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި މިހާ މަތިވި ފުރަތަމަ ފަހަރެވެ.

ސީނިއާ ހެލްތު އޮފިޝަލެއް ކަމަށްވާ ސޯން ޔަންގް ރެއި ވިދާޅުވީ މި ރާޅަކީ ކުރިން ލަފާ ކުރެވުނު ރާޅެއް ކަމަށާއި ނަމަވެސް މި ރާޅުން އަރައިގަތުމުގައި ގިނަ ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ.

"މި ރާޅުން އަރައިގަނެވިއްޖެ ނަމަ އާއްމު ހާލަތަށް ދާން ވަރަށް ގާތްވާނެ،" ސޯން ވިދާޅުވި އެވެ.

ދެކުނު ކޮރެއާއަކީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް މިދިޔަ ހަފްތާގައި އެންމެ ގިނަ އާ ކޭސްތައް ފެނުނު ގައުމު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެގައުމުގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާއިރު ކޭސްތައް އިތުރުވަމުންދާ ނިސްބަތުން ބަލީގައި މީހުން މަރުވާ ރޭޓް އުޅެނީ ވަރަށް ދަށުގަ އެވެ.

ދެކުނު ކޮރެއާއިން ވަނީ މިފަހުން ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުއިތަކެއް ދީ އެގައުމުގެ ދިރިއުޅުން އާއްމު ހާލަތަށް ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ. – އަލް އަރަބިއްޔާ