ރަށްތައް ހިއްކައިގެން ބޯހިޔާވަހިކަން ހޯދައިދިނުމަށް ވުރެ އެއްރަށް އަނެއް ރަށާއި ގުޅާލުން މާބުއްދިވެރި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރެންދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ޅ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބެން ޖެހޭކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ނައިފަރާއި، ހިންނަވަރު ގުޅާލުން ކަމަށެވެ. އަދި ހިކިފަސް އޮތްތަނެއްގައި މީހުންނަށް އާބާދުކުރެވޭނެ ގޮތެއް ހޯދުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެކަން ކުރުމަށް އޮތް ހައްލަކީ ރަށްތައް ނުހިއްކައި ގުޅާލުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މިއީ މިސަރަހައްދުން ނޫނެކޭ ބުނާނެ ޕްލޭނެއް ނޫން. ހިންނަވާރައި ނަފަރާއި ގުޅާލެވިއްޖެނަމަ ރާއްޖޭގެ ތަރައްގީއަށް ބޮދެތި ބަދަލު އަންނާނެ. ރަށް ހިއްކުމަށްވުރެ ރަށްތައް ގުޅާލުން މާ ބުއްދިވެރި،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
މި ޖަލްސާގައި އިތުރަށް ނަޝީދު ވިދާޅުވީ ކުރެންދޫއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އަދި އެމަނިކުފާނަކީ މާލޭ ބޭފުޅަކަށްވާތީ އެ ދަތިކަމުގެ އުދަގޫ ވަރަށް ރަނގަޅަށް އިހުސާސްކުރެއްވޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ކުޑަކޮށް ވެސް ވިސްނާލައިފި މީހަކަށް ވަރަށް ރަނގަޅަށް އެނގޭނެ މި ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން ކަން،މާލެ އަތޮޅުގައި ފްލޯޓިން ސިޓީއެއް ހެދެމުން އެބަދޭ. އަޅުގަނޑު އެމީހުން ކައިރީ އަހައިފިން ކުރެންދޫ ބޭރުގައި ދިރިއުޅެވިދާނެ ހެއްޔޭ މާކަނޑުގައި. އޭނާ އެބައޮތް ދެލިކޮޕީ ކުރެހުމެއް އަޅުގަނޑަށް ފޮނުވާފައި. އެދެލިކޮޕީ ބުނާ ގޮތުން ކުރެންދޫ ބޭރު (މާކަނޑުން) އަދި 1000 ގޯތި ދެވިދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޑަޗް ޑޮކްލޭންޑާއެކު އެންމެ ފުރަތަމަ "ފްލޯޓިން އައިލެންޑް" އެޅުމުގެ އެއްބަސްވުމެއް ދިވެހި ސަރުކާރުން އެކުލަވައިލީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން އެ ކުންފުންޏާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށް އެ ކުންފުންޏަށް މާލެ ކައިރިން ބޮޑު ފަޅެއް ވެސް ވަނީ ދީފަ އެވެ.