ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުގައި އާ ހިދުމަތްތައް ތައާރަފުކުރަން ދިހަ މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެ ހޮސްޕިޓަލް ހިންގާ ކުންފުނީގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝިދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑެތި ބަދަލު ގެނައުމަށް އޭޑީކޭގެ ޓީމުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ނުވަ ވަރަކަށް މަސްދުވަހުގެ ތެރޭގައި 10 މިލިއަން ޑޮލަރުގެ އެކި މަޝްރޫއުތައް ހިންގުމަށް ނިންމާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

އޭގެ ތެރޭގައި އެމްއާރްއައިގެ ޚިދުމަތާއި ޕެޓް ސްކޭނާއި ހައިޕަބެރިކް ޗެމްބައާއި ފިޒިއޮތެރަޕީއާއި ފާޓިލިޓީ ސެންޓަރާއި އެންޑޯސްކޮޕީ ސެންޓަރު ތަރައްގީކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނާޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތަށް އެ ހޮސްޕިޓަލުގެ ޗެއާމަން އަހުމަދު ނާޝިދާއި އޭނާގެ އަނބިކަނބަލުން މާނާ ރާފިއު ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ހަމައެއާއެކު އިންސާނީ ވަސީލަތް ކުރިއެރުވުމަށް ޝާފިޔާ އިންސްޓިޓިއުޓް އޮފް ހެލްތާއި ގުޅިގެން މަސައްކަތްކުރުމަށް ނިންމާފައިވާއިރު ބަލީގެ ކުރިއަށް ވިސްނުން އިސްކޮށް ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށްޓަކައި، ހީޓް އާ ގުޅިގެން އޭޑީކޭގައި ޖިމްގެ ޚިދުމަތް ތައާރަފްކުރުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް ޗެއާމަން ވިދާޅުވި އެވެ.

މީގެ އިތުރުން ޑޮކްޓަރަށް ދެއްކުމަށް ގިނަ ބަޔަކު އަތޮޅުތަކުން މާލެއަށް އަންނައިރު އެފަދަ ފަރާތްތަކަށް ބޭނުންވާ ފަދަ ބައިސްޓޭންޑަ އެކޮމޮޑޭޝަން ބްލޮކެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ނާޝިދު ވިދާޅުވި އެވެ. މިގޮތުން 21 ކޮޓަރި އެޅުމަށް ނިންމާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.