ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އާއި ފުވަމުލަކަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.

ރައީސް އެންމެ ފަހުން އައްޑޫ އަށް ވަޑައިގަތީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގަ އެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ފުވައްމުލަކަށް ރޭއްވެވި ދަތުރުފުޅު ކޮވިޑް-19 ގެ ސަބަބުން ކެންސަލްކުރެއްވީ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީއަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހު ކަމަށް އެނގިފައިވެ އެވެ. އެ ތާރީހުތައް ރައީސް އޮފީހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މި ދަތުރުފުޅުގައި އިންޑިއާ އިން އައްޑޫގައި ހަދާފައިވާ ފުލުހުންގެ އެކަޑެމީ ހުޅުއްވައިދެއްވާނެ އެވެ.

ތައިރޮއިޑް އޮޕަރޭޝަނަކަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ދިޔައީ އެކި މަޝްރޫއުތައް ފައްޓަވައި ދެއްވުމަށާއި، ބައެއް ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެކި އަތޮޅުތަކަށް ދަތުރު ކުރައްވަމުންނެެވެ.

ރައީސް ސޯލިހު އެންމެ ފަހުން އައްޑު އާއި ފުވައްމުލަކަށް ވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގެ ތެރޭގައި 2019 ވަނަ އަހަރު އެވެ.