މިސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް އެމްޑީޕީ މެންބަރުން މަސައްކަތް ކުރަމުން އަންނަނީ އެ މަނިކުފާނު ޕާޓީ އިން ބޭރުކުރަން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ނަޝީދު މިގޮތަށް ތުހުމަތު ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ޕާޓީ ތެރޭގައި ގަދަވެފައި ވަނިކޮށް ރައީސް ނަޝީދު އެފަދަ ތުހުމަތުތަކެއް ކުރެއްވުމުގެ އިތުރުން އެމަނިކުފާނު ވަނީ އެ އިންތިހާބާ ދިމާކޮށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އަދި އިންޒާރު ދެއްވާ ނަޝީދު ވިދާޅުވީ ވަކި ކެންޑިޑޭޓަށް ތާއީދު ހޯދުމަށާއި ވަޒީފާގެ ބިރު ދެއްކުމަށް ދެން އެއްވެސް މުވައްޒަފަކަށް ސައީދު ގުޅުއްވައިފިނަމަ އެމަނިކުފާނު ވެސް ފާޅުގައި ނިކުންނަވާނެ ކަމަށެވެ.

އެމްޑީޕީގެ ގައްދޫ ދާއިރާގެ ރައީސްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިންނަވާ ސައީދުގެ ތާއީދު އޮތީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށެވެ.

"ފެނަކަ އެމްޑީ ސައީދު، ފެނަކަ އަކީ މަނިކުފާނުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރާތި. ރަށްރަށުގެ ފެނަކަ މުވައްޒިފުންނަށް ބިރެއް ނުދެއްކޭނެ. ސައީދު އަޅުގަނޑު މި ޕާޓީ އިން ވަކިކުރާން އުޅުނަސް ފެނަކަ ހުރިހާ މުވައްޒިފުން އެކަމާ ނުރުހޭނެ. އެ މީހުންނަކީ ތަންދޮރު ދަންނަ މީހުން. ދެން ސައީދު މީހަކާ ގުޅައިފިނަމަ އަޅުގަނޑު ފާޅުގައި ނިކުންނާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ތުހުމަތުގެ މެސެޖަށް ސައީދު ވެސް އެ ގުރޫޕުގައި ރައްދުދެއްވި އެވެ. އަދި އޭނާ އެ ހުރިހާ ތުހުމަތެއް ދޮގުކުރެއްވި އެވެ.

"ރައީސް، އަޅުގަނޑު ފެނަކަ ކޮން މުވައްޒަފަކަށް ކޮން ވަގުތަކުތޯ ވަޒީފާގެ ބިރު ދެއްކީ. އެ މީހަކު ނުހުންނާނެ. އެފަދަ ކަމެއް ނުކުރާނަން. އަދި ނުވެސް ކުރާނަން،" ރައްދުގައި ސައީދު ވިދާޅުވި އެވެ.

އޭގެ ފަހުން ސައީދު ވަނީ ފެނަކައިގެ މުވައްޒިފަކު ޔުނީފޯމްގައި އިންތިއާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

ސައީދުގެ އެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ "ތިޔަހެން ޖަދަލުކުރަނީ ކަމު ވަނީ ނަމަވެސް އިދިކޮޅަށް ނިކުންނާނަން" ކަމަށް ވިދާޅުވެ ރައްދު ދެއްވާފަ އެވެ.

ފައްޔާޒާއި އިންތި ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. އިންތިގެ ކެމްޕޭނުން ވަނީ ފައްޔާޒަށް ތާއީދު ހޯދަން ސަރުކާރުގެ ތެރެއިން އެކި މީހުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކައި ކަމަށް މީގެ ކުރިން ވެސް ތުހުމަތުކޮށްފަ އެވެ.

ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން މީގެ ކުރިން ވެސް ނަޝީދު ވަނީ ބަހުގެ ހަމަލާތައް އެ ޕާޓީގެ ބައެއް މެމްބަރުންނަށް ދެއްވައިފަ އެވެ.