ބެއިޖިންގް (21 މާޗް) 132 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ޗައިނާ އީސްޓަން އެއާލައިންސްގެ މަތިންދާ ބޯޓެއް ވެއްޓިފައިވާ ކަމަށް ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ސޭއޭއޭސީ)ޔއިން ބުނެފި އެވެ.

ޗައިނާގެ ކުންމިންގްއިން ފުރައިގެން ގުއާންޒޫއަށް ދަތުރުކުރި ބޮއެންގް 737 މަރުކާގެ އެ ބޯޓު ވެއްޓިފައިވަނީ ޗައިނާގެ ހުޅަނގުގެ ސަރަހައްދަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދައުލަތުގެ މީޑިއާ ސީސީޓީވީއިން ހާމަކުރާ ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ އަދަދު ޔަގީން ނުވާއިރު ރެސްކިއު ޓީމްތަކުން ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހަ އަހަރު ދުވަހު އޮޕަރޭޓް ކޮށްފައިވާ މި ބޯޓު ވެއްޓުނުއިރު 123 ފަސިންޖަރުންނާއި 9 ކްރޫއިން ބޯޓުގައި ތިބި ކަމަށް ވެސް އެ މީޑިއާއިން ބުނެ އެވެ.

ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ބުނަން ނޭނގުނު ނަމަވެސް އެ އެޑްމިނިސްޓްރޭޝަންގެ ޓީމެއް ބޯޓު ވެއްޓުނު ސަރަހައްދުގައި ހާދިސާ ތަހުގީގު ކުރަން ހަރަކާތްތެރި ވަމުންދާ ކަމަށް ސީއޭއޭސީއިން ބުނެ އެވެ.

ކޮންޓްރޯލް ޓަވަރަށް ބޯޓުގެ ކޮންޓްރޯލް ގެއްލިފައިވަނީ ވޫޒޫ އަވަށުގެ ވައިގެ ސަރަހައްދުން ބޯޓު ދަތުރު ކުރަމުން ދަނިކޮށް ކަމަށްވެ އެވެ.

ޗައިނާގައި މީގެ ކުރިން މިފަދަ ހާދިސާއެއް ހިނގާފައިވަނީ 2010 ވަަނަ އަހަރު އެވެ. ހެނަން އެއާލައިންސްގެ ބޯޓެއް ވެއްޓުނު އެ ހާދިސާގައި 44 މީހަކު މަރުވި އެވެ. -- ރޮއިޓާސް