މާލެ ސަރަހައްދުގައި މި ސަރުކާރުން އަޅާ ފްލެޓްތައް މި ދައުރުގައި ނުނިމޭނެކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާމަކުރައްވައިފި އެވެ.

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަސައްކަތް ކުރެވޭ ގޮތާއި ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ލިޔުމުން ޖަވާބު ހޯދުމަށް އެދުނު ސުވާލުގައި މިނިސްޓަރު އަސްލަމް ވަނީ މިމަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލް ދެއްވާފަ އެވެ. އީވާގެ ސުވާލުގައި ސާފުކޮށްލެއްވުމަށް އެދިފައިވަނީ ހައުސިން މަޝްރޫޢުތަކައި، ގޯތި ލިބޭނެ ތާރީޚުތަކާއި ފަންޑިންގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވީ މި ސަރުކާރުން ކުރިޔަށް ގެންދާ 5،000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން 2،000 ފްލެޓް ހަވާލުކޮށްފައި ވަނީ ޖޭއެމްސީ އިންޑިއާ ލިމިޓެޑް އާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 600 ޔުނިޓާއި އެފޯޑަބަލް ޔުނިޓުގެ 1،400 ޔުނިޓު ކަމަށާއި މިމަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ނިމެނޭނީ 2025 ގައި ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އެމްސީސީ އިންޑިއާއަށް ހަވާލުވެފައިވާ 2،000 ހައުސިން ޔުނިޓްގެ މަސައްކަތަށް ސައިޓް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށާއި އެ މުޅި މަޝްރޫއު ނިންމޭނެ ކަމަށް ހައުސިން މިނިސްޓްރީން ލަފާ ކުރަނީ ޖުލައި 2024 ގައި ކަމަށެވެ.

އޭގެ އިތުރުން އެޕޯލޯ ހޯލްޑިގްސް ކުންފުންޏާ 1،042 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 120 ކައުންސިލް ޔުނިޓާއި އެފޯޑަބަލް ރޭންޖުގެ 240 ޔުނިޓް އަދި މިޑްރޭންޖުގެ 682 ޔުނިޓް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ހުޅުމާލޭން ދޫކުރަން ނިންމާފައިވާ 1،000 ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައި ޗާޓު ވަނީ އެކުލަވާލާފައިވާ ކަމަށާއި ގޯތި ދޭނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އެ މަސައްކަތް ނިމުމުން ގޯއްޗަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ޖޫން މަހަށެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައިވާ 2،000 ގޯތީގެ ބޭނުމަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި، އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ލޯން އެގްރިމެންޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ހިނގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.