ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި ޕީޕީއެމް އިން މިއަދު ކުރިޔަށް ގެންދަން އުޅުނު މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖްލިސްގެ ބައެއް މެމްބަރުން ހައްޔަރުކޮށްފި އެވެ.

ޕީޕީއެމް އިން ވަނީ މުޅި ސަރުކާރު ނޭވާ ހޮޅިއަށް އެޅި ފުލުހުން ނެރެގެން ޕީޕީއެމްގެ ހަރަކާތައް ހުރަސް އަޅަމުން ގެންދާ ކަމަށް ބުނެ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހިމެނެ އެވެ.

އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް މިއަދު ހަވީރު ބޭއްވި އިހުތިޖާޖުގައި ޕީޕީއެމްގެ އިސްވެރިންތަކެއް ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

ފުލުހުން ވަނީ އެއްވުމުގެ ތެރެއިން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މުޒާހަރާގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީހަށް ދާން ހުރި މަގުތައް ވެސް ބަންދުކޮށް، ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ.

އިންޑިއާ ސިފައިންނާ ދެކޮޅަށް މާލޭގައި މިއަދު ކުރިޔަށް ގެންދަން އުޅުނު މުޒާހަރާގެ ތެރެއިން ޕީޕީއެމް ކައުންސިލް މެމްބަރު އަދި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްގެން ގެންދަނީ. ފޮޓޯ: ޕީޕީއެމް

މުޒާހަރާ ފަށާނެ ކަމަށް އިއުލާން ކޮށްފައި އޮތީ 3:45 ގަ އެވެ. އެ ސަރަހައްދަށް އޭރު މީހުން ޖަމާނުވަނީސް ފުލުހުން ވަނީ ބެރިކޭޑްގެ ބޭރުން ދުވާރު މަތީގައި މަންޒަރު ބަލަން ތިބި އާއްމުން ވެސް އެސަރަހައްދުން ދުރަށް ފޮނުވާލަން ފެށި އެވެ. އަދި އެސަރަހައްދުގައި ތިބި އާއްމުންނަށް ފުލުހުން ބެރިކޭޑް ޖަހާފައި ހުރުމުން ޕީޕީއެމް އޮފީސް ކައިރިއަށް ވެސް ނުދެވުނެ އެވެ.