ރާއްޖެއިން ބޭރުން ކުޅިވަރުގެ ޝަޚުސިއްޔަތުންތަކެއް ގެނެސްގެން ސަރުކާރުން މިމަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް ޖުމްލަ 6.3 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ އެކަމަށް ހޭދަވި ޚަރަދުތައް ހާމަކުރީ ސްޕޯސްޓްސް އެވޯޑަށް 30 މިލިއަން ރުފިޔާ ޚަރަދުކޮށް ބޮޑު އިސްރާފެއް ސަރުކާރުން ކުރި ކަމަށް ބުނެ އަޑުފެތުރިފައި ވަނިކޮށެވެ.

ޔޫތު މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރުން ގެނައި ލެޖެންޑުންނާއި ވީއައިޕީއަށް 2.2 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އިވެންޓް މެނޭޖްމަންޓް 500 މީހުންގެ ކޭޓަރިންއަށް 2.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި އެވޯޑްސް ޓްރޮފީއަށް 585،690 ޚަރަދުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މުވައްޒަފުންނަށް ދިން ޑްރެސް ކޯޑު އެލަވެންސްއަށް 159،000 ރުފިޔާ ޚަރަދުކުރި ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ލެޖެންޑުންނާއި ވީއައިޕީގެ ރިސީވިންއަށް 50،000 ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. ސްޕޯޓްސް އެވޯޑްސްގެ ޓީޝާޓަށް 34،500 ރުފިޔާ އަދި މީޑިއާ ޕާޓްނަރުންނަށް 309،000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

އިތުރު ޚަރަދުގެ ގޮތުގައި 35،000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހަމައެހެންމެ ސްޕޯޓްސް އެވޯޑްސްގެ ސްޕޮންސާގެ ގޮތުގައި 4.1 މިލިއަން ރުފިޔާ، ކްރޮސް ރޯޑްސްއިން 3.5 މިލިއަން ރުފިޔާ، އެމްޓީސީސީއިން އެއް ލައްކަ ރުފިޔާ، އޭޑީކޭއިން ބައި ލައްކަ ރުފިޔާ، ދިރާގުން އެއް ލައްކަ ރުފިޔާ، އަމިން ކޮންސްޓްރަކްޝަނުން ބައި ލައްކަ ރުފިޔާ، އެޗްޑީސީން ބައި ލައްކަ ރުފިޔާ، ސްޓެލްކޯ އިން އެއް ލައްކަ ރުފިޔާ، އެމްޑަބްލިއުއެސްސީ އިން ބައި ލައްކަ ރުފިޔާ އަދި ފެނަކަ ކޯޕަރޭޝަނުން އެއްލައްކަ ރުފިޔާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.