ރީތި ދިގު ތުނބުޅިއެއް ހުރުމަކީ ފިރިހެންވަންތަކަން ދައްކުވައިދޭ ކަމެއް ކަމަށް ގިނަ މީހުން އެއްބަސްވެ އެވެ. ތުނބުޅި ރަނގަޅަށް ނުފަޅާ، ނުވަތަ އަބަދު ޝޭވްކޮށް މޫނުމަތި އޮމާންކޮށް ހުންނަ ފިރިހެނުން ގިނަ އަންހެނުންނަށް ކަމަކުވެސް ނުދެ އެވެ. އެހެން ކަމުން ތުނބުޅި ރަނގަޅަށް ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ.

މޫނު ސާފުކޮށް ބެހެއްޓުން

މޫނު ސާފުކޮށް ރީތިކޮށް ބަހައްޓާ ވާހަކަ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ އަންހެނުން މޫނު ސާފުކޮށް ބެހެއްޓުމަށް ކުރާ މަސައްކަތެވެ. ނަމަވެސް އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަކީ ވެސް މޫނުގެ ރީތިކަމަށް ސަމާލުކަން ދީ އަދި "ސްކިން ކެއާ ރޫޓިން" އެއް ގެންގުޅެން ޖެހޭ ބައެކެވެ. ތުނބުޅި އެއް ރީތި ވުމުގައި ސާފު މޫނަކީ ވެސް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ.

ތުނބުޅި ސާފުކޮށް އަދި މަޑުކޮށް ބެހެއްޓުން

ކުރަކިވެ ހިކިފައިވާ ތުނބުޅި ރީތި ނޫން ކަމަށް އަހަރެެމެން އެންމެނަށް ވެސް އެއްބަސް ވާނެ އެވެ. އެހެން ކަމުން ސާފުތާހިރު ކަމަށް އިސްކަންދީ ތުނބުޅި ވެސް ސާފުކޮށް، މަޑުކޮށް ރީތިކޮށް ބާއްވަން ޖެހެ އެވެ. މި ސަބަބަށްޓަކައި ތުނބުޅި ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ތުނބުޅި ދޮވުމަށް ހަފުތާއަކު ދެ ދުވަހަށް ވުރެ އިތުރަށް ޝޭމްޕޫ ބޭނުން ނުކުރާށެވެ. ގިނައިން ކޮންޑިޝަނާ ބޭނުންކުރާށެވެ.

ތުނބުޅީގައި ފުނާ އެޅުން

ތުނބުޅީގައި ފުނާ އެޅުމުން ތުނބުޅީގައި އެއްވަރަކަށް ތެޔޮ ފެތުރެ އެވެ. ތުނބުޅީގައި ފުނާ އެޅުމަކީ، ތުނބުޅި ރީތިކޮށް ބެހެއްޓުމަށާއި ތުނބުޅި ރީތިކޮށް ފެޅުމަށް ވެސް އެހީވެދޭނެ ކަމެކެވެ. ބިއާޑް އޮއިލްއަކީ ތުނބުޅީގައި ބޭނުންކުރުން އެންމެ ރަނގަޅު ޕްރޮޑަކްޓެވެ. އެއީ ތުނބުޅި އަދި ހަންގަނޑު މޮއިސްޗަރައިޒް ކޮށްދޭ އެއްޗެކެވެ.

މާ ގިނައިން ޓްރިމް ނުކުރުން

ރީތި ތުނބުޅިއެއް ބޭނުންނަމަ، މާގިނައިން ތުނބުޅި ޓްރިމްކުރުމާއި ޝޭވްކުރުން ރަނގަޅެއް ނޫނެވެ. ތުނބުޅި ދިގު ކުރުމަކީ ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. އެހެންކަމުން، އެންމެ ފުރަތަމަ ކަމަކަށް ތުނބުޅި އެއްވެސް ވަރަކަށް ޝޭވް ވެސް ޓްރިމް ވެސް ނުކޮށް ހަތަރު ހަފްތާ ވަރު ބަހައްޓާލާށެވެ.