ކޮލަމްބޯ (30 މާޗް) - ސްރީލަންކާގެ އިގްތިސާދު ވެއްޓިފައި އޮތް އަނދަަވަޅު އިތުރަށް ގޯސްވެ، އެ ގައުމުގެ ސަރަހައްދުތަކުން ކޮންމެ ދުވަހަކު ދިހަ ގަޑިއިރަށް ކަރަންޓު ކަނޑާލަން ފަށައިފި އެވެ.
މީގެ ކުރިން ވެސް ދުވާލަކު ދެއިރަށް ކަރަންޓު ކަނޑާލަމުން ދިޔަ ނަމަވެސް ހައިޑްރޯ އިލެކްޓްރިސިޓީ އިތުރަށް އުފެއްދެން ނެތުމާއެކު ކަރަންޓު ކަނޑާލާފައި ބަހައްޓަން ޖެހޭ ވަގުތު ވަނީ އިތުރުވެފަ އެވެ.
މޮނޮޕޮލީގައި ހިންގަމުން އަންނަ ސަރުކާރުގެ ކަރަންޓު ކުންފުނިން ކަރަންޓު ކަނޑާލާ ވަގުތު އިތުރު ކޮށްފައި މިވަނީ އެ ގައުމުގެ އިގުތިސާދު ވަޅުޖެހި ތެލަށް ހަރަދު ކުރާނެ ބޭރު ފައިސާ ނެތުމުގެ ސަބަބުންނެވެ.
ސްރީލަންކާގައި އުފައްދާ ކަރަންޓުގެ 40 ޕަސެންޓް އުފައްދަނީ ހައިޑްރޯ އިލެކްޓްރިސިޓީ (ފެނުގެ ޒަރިއްޔާއިން) ކަމަށް ވިޔަސް މިދިޔަ ދުވަސްތަކުގައި ވާރޭ ވެހިފައި ނުވާތީ ރިޒާވާތައް މަސައްކަތް ކުރަމުން ދަނީ ވަރަށް ކުޑަ ކެޕޭސިޓީއެއްގަ އެވެ.
ބާކީ 60 ޕަސެންޓް ކަރަންޓު ތެލުން އުފައްދާއިރު، ތެޔޮ އެތެރެ ކުރުމުގައި ހުރި ގޮންޖެހުންތަކާއެކު އެ ހިދުމަތް އޮތީ މެދުކެނޑިފަ އެވެ. އެގައުމަށް ތެޔޮ އެތެރެކުރާ މައި ކުންފުނި ކަމަށްވާ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ)އިން ބުނީ ކުރިއަށް އޮތް ދެ ދުވަހު އެ ގައުމުން ޕެޓްރޯލާއި ޑީސަލް ނުލިބޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، ތެޔޮ ގަތުމަށް އާއްމު ރައްޔިތުން ވަނީ ފިއުލް ސްޓޭޝަންތަކުގައި ކިއޫ ހަދާފަ އެވެ.
މި ހާލަތާއެކު ސްރީލަންކާގައި އަސާސީ ޚިދުމަތްތައް ލިބުން ވެސް ވަނީ ދަތިވެފަ އެވެ. އެގޮތުން ހޮސްޕިޓަލުތަކުގެ ރޫޓިން ސާޖަރީތައް ފަސްކޮށްފައިވާއިރު ސުޕަމާކެޓުތަކުން ވަނީ ކާޑުގެ ބާވަތްތައް ވިއްކުމުގައި ހިފެހެއްޓުންތައް ގެންގުޅެން ފަށާފަ އެވެ. ހަމަ އެއާއެކު އިމްތިހާނުތައް ޕްރިންޓް ކުރާނެ ކަރުދާސް ނެތިގެން ސްކޫލުތަކުގެ އިމްތިހާންތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
ސްރީލަންކާގެ ދަރަނި ގިނަވެ އިގްތިސާދީ ހާލަތު ދަށްވެފައި ވުމާއެކު އެގައުމުގެ ސަރުކާރުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ ރިލީފް އެހީއަކަށް އެދިފަ އެވެ. -- އަލް އަރަބިއްޔާ