ރާއްޖޭގެ ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހަކު އަންނަ އަހަރު ހާއްސަ ކުރާނެ ކަމަށް، އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ފިޔާޒު ވިދާޅުވީ އެ މަސައްކަތަކީ މައުލޫމާތު ހާމަކުރުމުގެ ކަންކަން ފުޅާ ކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

ފިޔާޒު ވިދާޅުވީ މައުލޫމާތުތައް އިތުރަށް ހާމަ ކުރުމަށާއި ދައުލަތުގެ އިދާރާތަކަށް ފަރާވެރިވާނެ އިތުރު ގޮތްތައް ހޯދަމުންދާ ކަމަށެވެ.

ރައިޓް ޓް އިންފޮމޭޝަން (އާރްޓީއައި) އެކްޓިވިސްޓުން ކޮންމެ ރަށެއްގައި ބެހެއްޓުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް އަންނަ މަހު ފަށާނެ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ޕްރޮގްރާމްގައި މިހާތަނަށް 50 މީހަކު ވަނީ ބައިވެރިވެފަ އެވެ. އެފަދަ މީހުންތައް ކޮންމެ ރަށަކަށް ކަނޑައެޅުމުން ކައުންސިލްތައް ޒިންމާދާރުވެ ކޮރަޕްޝަން މަދުވެ މަސައްކަތްތައް އަވަސްވާނެ ކަމަށް ވެސް ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ރަށްރަށުގެ ކައުންސިލަރުން ތިބެނީ ޒިންމާ އަދާނުކޮށް އަބަދު މަހަށް ގޮސް ކަމަށެވެ. އެހެންކަމުން ކައުންސިލަރުންނަށް ވެސް ފާރަވެރިވާނެ ބަޔަކު ތިބެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.