ކޮލަމްބޯ (04 އޭޕްރީލް) - ސްރީލަންކާގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެ ކެބިނެޓް އެއްކޮށް އިސްތިއުފާ ދިނުމާ ގުޅިގެން އެގައުމުގެ ކެބިނެޓަށް އާ ހަަތަރު ވަޒީރަކު އައްޔަން ކޮށްފި އެވެ.
ރޭގެ ވަގުތެއްގައި ކެބިނެޓްގެ 26 މެމްބަރުން އިސްތުއުފާ ދިން އިރު މަގާމުގައި ދެމިހުންނެވީ ހަމައެކަނި ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އިތުރުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އެވެ.
މިއަދު ކެބިނެޓަށް އައްޔަން ކުރެވުނު ވަޒީރުންގެ ތެރޭގައި ހިމެނެނީ މާލީ ވަޒީރާއި ތައުލީމީ ވަޒީރުގެ އިތުރުން ޚާރިޖީ ވަޒީރާއި ހައިވޭސްއާ ބެހޭ ވަޒީރެވެ.
ސްރީލަންކާގެ ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދިނުމާއެކު ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ މިކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރަން ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވާފަ އެވެ.
ރައީސްގެ ފަރާތްޕުޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ ކެބިނެޓްގައި ބައިވެރި ވުމަށާއި މިހާރު ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ސްރީލަންކާގެ އިގްތިސާދު މީގެ ކުރިން ނުވެއްޓޭހާ ފުން އަނދަވަޅަކަށް ވެއްޓިފައިވާއިރު މިކަމުގެ ސަބަބުން ގައުމުގެ އެކި ހިސާބުތަކުގައި މުޒާހަރާތައް އަންނަނީ ބާއްވަމުންނެވެ.
އެއާއެކު ސަރުކާރަށާއި ކެބިނެޓަށް ފިއްތުންތައް އިތުރުވެ ކެބިނެޓްގެ ގިނަ މެމްބަރުން މަގާމުން އިސްތިއުފާ ދޭން ނިންމެވީ އެވެ. -- ނިއުސްވަޔާ