ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕޭސް ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންސްޓިޓިއުޓް ފޮ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން އެވެ.
ސްޕޭސް ޕްރޮގްރާމް ތައާރަފް ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ސްޕޭސް ކްރާފްޓް ޑިޒައިން ކޮށް، ބިލްޑް ކޮށް، ލޯންޗް ކުރުމަށްފަހު ސައިންޓިފިކް ރިސާޗް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސްޕޭސް ޕްރޮގްރާމުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖެއަށް ރީތިނަން ހޯދައިދީ ޒުވާނުންގެ އުއްމީދުތައް ހާސިލުކޮށްދިނުމަށް މަސައްކަތް ކުރުން. ދިވެހި އެސްޓްރޮނޯޓުން ސްޕޭސް އިންޑަސްޓްރީ ގައި މަސައްކަތް ކުރާ ދުވަސް އަޅުގަނޑުމެން ދެކެން ބޭނުން. އެފަދަ ފުރުސަތު ތައް ހޯދައިދޭން އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ރިފްއަތު ވިދާޅުވި އެވެ.
އެ ޖަމިއްޔާއިން ބުނީ ސްޕޭސް ކްރާފްޓް ޑިޒައިން ކޮށް، ބިލްޑް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން ދިވެހިން ތަމްރީނު ކުރުމަށް އައިޖީއެސް އިން ވަނީ އިގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަން އާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެ ފައުންޑޫޝަންގެ ހިލޭ އެހީގެ ދަށުން ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނީ އެމެރިކާގެ ތަޖުރިބާކާރުންނެވެ. މި ޕްރޮގްރާމުގައި ބައިވެރި ކުރާނީ ރާއްޖޭގައި މަތީ ތައުލީމް ހާސިލު ކުރާ ދަރިވަރުންނެވެ.
"ސްޕޭސް ޕްރޮގްރާމުގެ ދަށުން އަޅުގަނޑުމެން ފަށާ ފުރަތަމަ ރިސާޗް ޕްރޮޖެކްޓް އަންނަ އަހަރުގެ ކުރީކޮޅު ތައާރަފް ކުރެވޭނެ. ޕްރޮޖެކްޓްގެ ޓެކްނިކަލް ސްޓަޑީ އަދި ފީޒިބިލިޓީ ހެދީ ވެސް އިންޑަސްޓްރީގެ ތަޖުރިބާކާރުން. އެބޭފުޅުންގެ ލަފާގެ މަތިން، މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ މި ޕްރޮޖެކްޓުގެ ޕާޓްނަރުން ފައިނަލް ކުރުމުގެ މަސައްކަތް،" ރިފްއަތު ވިދާޅުވި އެވެ.
އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އަކީ ރާއްޖޭގެ މުސްތަގުބަލުގެ ލީޑަރުން ބިނާ ކުރުމަށް މަސައްކަތް ކުރާ އިންސްޓިޓިއުޝަނެކެވެ. މިގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ކުރިއަށް ގެންދާ ގިނަ ޕްރޮގްރާމް ތަކެއް ރާއްޖެއަށް ތައާރަފް ކުރަން އައިޖީއެސް އިން ވަނީ ނިންމާފަ އެވެ.