ފެރީގެ ޚިދުމަތް ދިނުމުގެ އެއްބަސްވުން އުވާލި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ކުރި ހުކުމް ރިވިއު ކުރުމުގެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައި، ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއެކު 2010 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުގެ 2013 ވަނަ އަހަރު ބާތިލް ކުރުމުން ސިވިލް ކޯޓުން 2016 ވަނަ އަހަރު ހުކުމްކުރީ ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނިންމީ އެ ފައިސާ ދައްކަންޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރަން ދައުލަތުން ހުށަހެޅި މައްސަލާގައި މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އެންގި ގޮތެއް އެނގެން ނެތް ކަމަށާއި އެއިން އެއްވެސް ކަމަކަށް ސުޕްރީމް ކޯޓުން ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމާ މެދު ގިނަ ނުކުތާތަކެއް ދައުލަތުން ހުށަހެޅި ކަމަށާއި އެކަމަކު މައުޟޫއީ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދައުލަތަށް ދިނުމެއް ނެތި ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ސުވާލުތަކެއް އަމާޒު ކުރުމަށް ފަހު ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުން ލަސްވެފައި އޮތީ މަގްބޫލު ސަބަބެއް ނެތި ކަމަށް ސުޕްރީމް ކޯޓުން ނިންމިޔަސް، އެކަމަށް މަގްބޫލު ސަބަބުތަކެއް ހުއްޓެވެ. އެ މައްސަލަ ހަވާލުވި ވަކީލު އިސްތިއުނާފް ލިޔުންތައް ތައްޔާރު ނުކޮށް އޮއްވާ އިސްތިއުނާފް މުއްދަތު ހަމަވިޔަސް، އެކަން އެނގުމާ އެކު ވީހާ ވެސް އަވަހަކަށް އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އިސްތިއުނާފް މުއްދަތު ހަމަވުމަށް ފަހު މައްސަލަ ބަލައިގަތުމާއި ނުގަތުމަކީ އެ ކޯޓެއްގެ އިހްތިޔާރީ ބާރެއް ކަމަށާއި އެ ކަންކަމަށް ސުޕްރީމް ކޯޓުން ރިއާޔަތް ނުކުރާ ކަމަށް ދައުލަތުން ބުންޏެވެ.

ޖީބާޖާއިން ބުނީ ގެއްލުމުގެ ބަދަލުގެ ހިސާބުކުރި ގޮތް ނޭނގޭ ކަމަށް ބުނެ ދައުލަތުން ދައްކަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށާއި އެއީ އެންމެ މަޝްހޫރު އެއް އޮޑިޓް ފާމުން ހެދި ހިސާބުތަކެއް ކަމަށެވެ. އަދި ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ރިވިއު ކުރަން ހުށަހެޅީ އެ ކުންފުންޏާ އެކު މަޝްވަރާކޮށް، 174 މިލިއަނަށް ބަދަލުގެ މިންވަރު ކުޑަކުރަން އަނގަބަހުން އެއްބަސްވުމަށް ފަހު ކަމަށާއި އެ އެއްބަސްވުމާ ވެސް ދައުލަތުން ޚިލާފްވެފައިވާ ކަމަށް ދީބާޖާއިން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ސުވާލުތައް ވެސް ދެ ފަރާތަށް އަމާޒު ކުރުމަށް ފަހު ބެންޗުން އިއުލާން ކުރީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އެކަމަކު އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމަށް ފަހު ދީބާޖާ އެކު ސަރުކާރުން ސެޓްލްމަންޓް ކޮމެޓީގައި މަޝްވަރާކޮށް، ބަދަލުގެ މިންވަރު 174 މިލިއަނަށް ކުޑަކުރަން އެއްބަސްވި އެވެ. ސުޕްރީމް ކޯޓަށް ނިންމުން ރިވިއުކުރަން ހުށަހެޅީ އޭގެފަހުންނެވެ.