ހުޅުމާލޭ ރެސްޓައުރެންޓެއްގެ ތެރޭގައި އެތަނުގެ ވެއިޓަރަކު މަރާލި ޕާކިސްތާނުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ޕާކިސްތާނުގެ މުހައްމަދު އާބިދުގެ ބަންދަށް 15 ދުވަސް ޖެހީ މިރޭ ހުޅުމާލޭ ކޯޓަށް ހާޒިރުކުރުމުންނެވެ.

ހާންޖީ ރެސްޓޯރަންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ޕާކިސްތާނުގެ މުހައްމަދު އާބިދު ހޯދަން ފުލުހުން އިއުލާންކޮށްފައި ވަނިކޮށް ހުޅުމާލޭ ފޭސް 2 ގެ އަތިރިމަތީގައި ހުއްޓާ އޭނާ ވަނީ ފެނިފަ އެވެ. ފުލުހުން ވަނީ ވަގުތުން އޭނާ ރޭ ހައްޔަރުކޮށްފަ އެވެ.

އިއްޔެ ހަވީރު 5:00 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި ބަންގްލަދޭޝްގެ މީހާގެ ކަރަށާއި ގައިގެ އެކި ތަންތަނަށް ވަނީ ވަޅިން ހަމަލާދީފަ އެވެ.

އެ ހަމަލާދޭ ބޭނުންކުރީ ބަދިގޭގައި ގެންގުޅޭ ވަޅިއެއް ކަމަށް އެތަނުގައި މަސައްކަތްކުރި މީހަކު ބުންޏެވެ. އޭނާ މަރާލުމުގައި އެތަނުގައި ދެން ތިބި ޕާކިސްތާންގެ އިތުރު މީހުންގެ ބައިވެރިވުން އޮތް ކަމަށް މަރާލި މީހާގެ ރަހްމަތްތެރިން ތުހުމަތު ކުރެ އެވެ.