ކޮލަމްބޯ (18 އޭޕްރީލް) - ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުގެ ސަބަބުން އެގައުމުގެ ކެބިނެޓްގެ ގިނަ މެމްބަރުން ތަކެއް އެއްފަހަރާ އިސްތިއުފާ ދިން ފަހުން އައްޔަން ކުރެވުނު އާ ކެބިނެޓް މިއަދު އިއުލާން ކޮށްފި އެވެ.

ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިއުލާން ކުރެއްވި ކެބިނެޓުގައި ޖުމްލަ 17 މެމްބަރުން ތިއްބެވި އިރު އަންހެން އެއްވެސް ބޭފުޅަކަށް ކެބިނެޓުން ފުރުސަތު ދީފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

އާ ކެބިނެޓްގައި ޒުވާން ބޭފުޅުންނަށް ފުރުސަތު ދެވިފައިވާއިރު ބޮޑުވަޒީރުގެ ގޮތުގައި މަހިންދަ ރާޖަޕަކްސަ ވަނީ އޭނާގެ މަގާމު ދަމަހައްޓާފަ އެވެ.

ކެބިނެޓް މިނިސްޓަރުން ހުވާކުރުން މިއަދަށް ތާވަލު ކުރެވިފައިވާއިރު އިދިކޮޅު މައި ޕާޓީއިން ވަނީ ކެބިނެޓުގައި ތަޖުރިބާ ނެތް މިނިސްޓަރުން ހިމަނާފައިވާތީ ރައީސަށް ފާޑު ވިދާޅުވެފަ އެވެ.

ސްރީލަންކާއިން ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ބޮޑުވެ އާއްމު ހިދުމަތްތައް ދެވުން މެދުކެނޑުމާއެކު މިދިޔަ ހަފްތާ ތެރޭގައި އެ ގައުމުން ވަނީ ލޯނުތައް ދެއްކުން ހުއްޓާލައި ޑިފޯލްޓް އިއުލާން ކޮށްފަ އެވެ.

މާދަމާ ގާނޫނު ހަދާ މަޖިލީހުން އާ ކެބިނެޓާ ބައްދަލުކުރަން ނިންމާފައިވާއިރު، އިދިކޮޅުން އަންނަނީ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުގެ ސަބަބުން އާއްމު ރައްޔިތންނަށް ލިބެންޖެހޭ ހިދުމަތްތައް ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް ރައީސާއި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާފަ އެވެ. -- އެންޑީޓީވީ