ޓެރަރިސްޓް ޖަމައާތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ނިސްބަތްވާ ކަމަށް ތުހުމަތުކޮށް ވިލިމާލެއިން ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފި އެވެ.

ދިވެހި ފުލުހުންނާއި، އެމެރިކާގެ އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެ ގައުމެއްގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހޫދު ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު، ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެ ކަމުގެ އިންޒާރުދެމުންދާ ކަމަށް ތުހުމަތު ކުރި މައްސަލައިގައި، ހޫދުގެ މައްޗަށް އުފުލާ ދައުވާތައް އޭޕްރިލް 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޫދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ކޮށްފައިވެ އެވެ.

އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.

އެ ދައުވާ އުފުލާފައި ވަނީ ހޫދުގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާ ދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ އުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލައި، އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ހިއްސާކޮށް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީފައިވާތީ އެވެ.

އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުންގެ ދައުވާ އުފުލާފައިވަނީ، އިސްލާމިކް ސްޓޭޓް ޖަމާއަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާއަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ދައުވާ ވެސް ހޫދުގެ މައްޗަށް އުފުލާފައިވެ އެވެ. އެ ދައުވާ އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްފައިވާތީ އެވެ. އަދި އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށްފައިވާތީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާވެސް އުފުލާފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ހޫދުއާ ގުޅޭ މައުލޫމާތު ރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.