ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަޖެޓް ބަހުސަށްފަހު އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފަށްޓަވަމުން ނަޝީދު ވިދާޅުވީ އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް 30 މިނިޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިމައްސަލައަށް ބަހުސްކުރަން ދެ ގަޑިއިރު ވަނީ ކަނޑައަޅާފަ އެވެ.

ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުންނެވެ. އެގޮތުން އިދިކޮޅު މެމްބަރުންގެ އިތުރުން މަޖިލީހުގެ އަމިއްލަ ދެ މެމްބަރުންނާއެކު 11 މެމްބަރުން މިމައްސަލަ ވެއްދުމަށް ސޮއިކޮށްފައިވެ އެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި 32 ވަނަ މާއްދާ އާއި ޚިލާފުވެފައި ވާތީ ކަމަށް އިދިކޮޅުން ބުނެ އެވެ. އެގޮތުން 24 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ޝަހީދު ޑރ.އަފްރާޝީމް އަލީ އާއި، އަހުމަދު ރިޟްވާންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޔާންކުރި ލިޔެކިޔުންތަކާއި ހެކިތައް ފުލުހުން ގެންދިޔަ ކަމަށް ވިދާޅުވެފައިވާ ލިޔެކިޔުންތަކާއި ހެކިތަކަކީ އަސްލު އެއްޗެއް ނޫންކަމަށް ވިދާޅުވެފައިވުމުން ގާނޫނު އަސާސީއާއި ޚިލާފުވެފައިވާ ކަމަށް އިދިކޮޅުން ހުށައެޅި މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ މައްސަލައިގެ ތަހުގީގު ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައަޅާފައިވާ ދަނޑިވަޅެއްގައި، އަދި އެ އަންހެން މީހާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު ސަފާރީގައި ހިނގާދިޔައީ ރޭޕެއް ނޫންކަމަށާއި އެކަމަކީ "ކަމެއް ކުރިކަން ވެސް ނޭނގޭ ފަދަ ކަމެއް ކަމަށް" ވިދާޅުވެ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމްގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމަކީ ހޯމް މިނިސްޓްރީއާ ޙަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން އެމަނިކުފާނުގެ ގާބިލްކަމާއި ޒިއްމާދާރުކަމާމެދު ސުވާލު އުފެދޭކަމެއްކަމަށް އިދިކޮޅުން ބުނެ އެވެ. އަދި މިކަމުގެ ސަބަބުން ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ހޯމް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށްވާތީ އާއި، އަދި އެއްވެސް މައްސަލައެއްގެ ކުޑަ ބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާތީ އާއި، މި ވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރެވޭ މިފަދަ އަނިޔާތަކަށް ހޯމް މިނިސްޓަރު ޢިމްރާން މަގާމުގައި ހުންނެވުމުން އިންސާފު ލިބޭނެ ކަމުގެ އުއްމީދެއްނެތް ކަމަށް ވެސް އިދިކޮޅުން ފާހަގަކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޒީރެއްގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށައެޅިއްޖެނަމަ އެމައްސަލަ އެޖެންޑާ ކުރުމުގެ ކުރިން އެވަޒީރަށް ޖަވާބުދާރީވުމަށް 14 ދުވަހުގެ މުއްދަތު ދޭންޖެހެ އެވެ. މިމައްސަލަ އިދިކޮޅުން ހުށައެޅުމުން އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންވަނީ މިމައްސަލައަށް ތާއީދު ނުކުރާނެ މޭރުމަކުން މަޖިލީހުގައި ވާހަކަ ދައްކަވާފަ އެވެ.