ކޮލަމްބޯ (20 އޭޕްރީލް) - ސްރީލަންކާގެ ހުރިހާ ސިޔާސީ ޕާޓީތަކުން އެދިއްޖެނަމަ އެ ގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވިކަން ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް އަންގަވާފައިވާ ކަމަށް އިދިކޮޅުގެ ލީޑަރު ބުނެފި އެވެ.
ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ސަޖިތު ޕްރެމަދަސަ ވިދާޅުވީ އެގޮތުގެ މަތިން ކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން އެ އެދުން ރައީސަށް ރައްދު ކޮށްދެވޭނެ ގޮތެއް ހަދައިދޭން އެދޭ ކަމަށެވެ.
މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރްދަނައާ ހަވާލާދީ ސަޖިތު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބަސް ކިޔައި ގޮޓަބަޔަ މަގާމުން ދުރު ކުރައްވަން މަސައްކަތް ކޮށްފިނަމަ ރައީސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ސަޖިތު އިތުރަށް ވަނީ މިހާރު އެގައުމުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން ފުލުހުން ބަޑިޖަހާ އާއްމުންގެ މީހަކު މަރާލާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
އާއްމު އެއްވުމެއްގައި ހަތިޔާރު ބޭނުންކުރަން ހުއްދަ ދިނީ ކޮން ފަރާތަކުންތޯ ސުވާލު އުފައްދަވަމުން ސަޖިތު ވަނީ މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކޮށް އިހުމާލުވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލައްވައިފަ އެވެ.
ސްރީލަންކާއަށް ކުރިމަތވެފައިވާ އިގްތިސާދީ ފުން އަނދަވަޅާއެކު ސަރުކާރަށް ކުރިމަތިވަމުން އަންނަ ފިއްތުންތަކުގެ ސަބަބުން ރައީސާއި ބޮޑުވަޒީރު ފިޔަވައި އެގައުމުގެ ކެބިނެޓްގެ ހުރިހާ މެމްބަރުން ވަނީ އެއްފަހަރާ އިސްތިއުފާ ދީފަ އެވެ.
އެހެން ނަމަވެސް މީގެ ދެދުވަސް ކުރިން ރައީސް ވަނީ 17 މެމްބަރުންގެ އާ ކެބިނެޓެއް އިއުލާން ކުރައްވައި މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލު ކުރައްވާފަ އެވެ. -- ނިއުސްވަޔާ